މިނިސްޓަރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ހުވަދޫ ރީޖަންގެ މަސައްކަތްތައް ހިނގާ ބެލެހެއްޓުމަށް ގދ ތިނަދޫ ގައި ޤާއިމު ކޮއްފައި ހުރި އޮފީސް އިމާރާތް ހަލާކުވެ ވާރެއިން ހިޔާ ނުވާތީ އެތަނުން ނުކުންނަން ޖެހި ވަންނާނެ ތަނެއް ހަމަނުޖެހި ތިނަދޫގައި ޔަތީމުވެ މަގުމަތިވެއްޖެއެވެ.
ފާއިތުވި 5 އަހަރު ހެރިޓޭޖް ގެ އޮފީހާއި މިއުޒިއަމް ހިނގަމުން ދިޔައީ ތިނަދޫ އަށް މީހުން އާބާދު ވާން ފެށިތާ 50 އަހަރު ވުން ފާހަގަ ކުރުމަށް ސަރުކާރުން ބިނާ ކުރި މިއުޒިއަމް ޕާކުގެ އެއް އިމާރާތުގައެވެ. ޖާގައިގެ ގޮތުން ވަރަށް ކުޑަ ތަންކޮޅެއްގައި އޮފީހާއި މިއުޒިއަމް ހިނގަމުން ދަނިކޮށް އެ ތަން ވަނީ ހުޅަނގު ފަރާތު ބިތްގަނޑު ވެއްޓި ހަލާކު ވާން ފަށާފައެވެ. އަދި އެކަށީގެންވާ މަރާމާތެއް ނުކުރެވި ގިނަ ދުވަސްތަކެއް ވުމުން އެ އިމާރާތުން ނުކުންނަން މަޖުބޫރު ވިއެވެ. ނަމަވެސް ސަޤާފީ ތަރިކަ ހިމެނޭ ތަކެއްޗާއި އޮފީސް ހިންގުމުގެ އިދާރީ ވަސީލަތްތަކާ އެކު މުވައްޒަފުން ތިބޭނެ ތަނެއް ހަމަޖެހި ހިންގޭނެ ގޮތެއް އަދި ވަނީ ނުވެ ފައެވެ. ފޮށި ތަކުގައި ބަންދު ކުރި ތަކެތި އަދިވެސް ހުރީ ކުރިން ހިންގި އިމާރާތުގައެވެ. މުވައްޒަފުން ވަޒީފާ އަށް ނުކުންނަނީ ވެސް އެތަނަށެވެ. ކުރާނެ ކަމެއް އަދި ކުރެވޭނެ ވަކި ކަމެއް ނެތަސް މުވައްޒަފުންގެ ގޮތުގައި ނުކުމެ ވަޒީފާ އަދާ ކުރަމުން ދާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގެ ހުވަދޫ ރީޖަންގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު ޢަލީ އަދި އެ މިނިސްޓްރީ އިން ވެސް ގެންދަވަނީ މި މައްސަލަ ޙައްލު ވާނެ ފަދަ ދާއިމީ ނުވަތަ ވަގުތީ ބޮލު ހިޔަލެއް ލިބޭތޯ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރަށުގެ ހުސް ގެ ތަކާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ވެސް ވަނީ ބަލާފައެވެ. ނަމަވެސް ކޮންމެ ވެސް އެއް ކަމެއް ދިމާވެގެން ކުރިޔަށް ދެވޭ ގޮތެއް ވަނީ ނުވެފައެވެ.
ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ ހެރިޓޭޖް ގެ ތިނަދޫ އޮފީސް ހިނގާނެ އިމާރާތެއް ނުލިބިގެން އެމީހުން އުޅޭތާ 2 މަސް ވަރު ވެދާނެ ކަމަށާއި ނަމަވެސް މިހާރު ތިނަދޫ ކައުނަސިލްގެ އިމާރާތެއް އެމީހުންނަށް ހަމަޖެއްސަން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން ކުރިން ތިނަދޫ ގައި ޕްރީ ސްކޫލެއް ހިންގި އިމާރާތެއް "ހިލޭ ހަވާލު ކުރުމަށް" ނިންމާ އެކަމާ ގުޅޭ ލިޔެކިޔުންތައް އެ މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
ތިނަދޫ ގައި ހެރިޓޭޖް ގެ އޮފީހާއި ދާރުލްއާސާރު ހިންގުމަށް ކައުންސިލުން ދޭން ނިންމާފައި ވަނީ ޓިއުޓޯރިއަލް ޕްރީސްކޫލް ހިންގި ތަނެވެ. އެ ތަނަކީ އެ ސްކޫލް ހިންގި ފަރާތުން އިމާރާތް ކޮއްފައިވާ ތަނެކެވެ. އެއީ ޕްރީސްކޫލް ހިންގުމަށް ކައުންސިލުން ދީފައިވާ ބިމެކެވެ. އެ ބިމާ އިމާރާތް ކައުންސިލްގެ ދަށަށް ގެންގޮސްފައި ވަނީ އެ ތަނުގައި ސްކޫލް ހިންގުން ހުއްޓާލާފައިވާތީއެވެ.
ތިނަދޫ ހެރިޓޭޖްގައި އިސްކޮށް މަސައްކަތް ކުރައްވާ ، މިނިސްޓަރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގެ ހުވަދޫ ރީޖަންގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު ޢަލީ ވިދާޅުވީ ތިނަދޫ ކައުނަސިލް ގެ އެހީ އާއި އެކު ތަނެއް ހަމަޖެއްސޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި މިހާރު ވަގުތީ ހިޔާ އަކަށް ވަދެވޭނެ މަގެއް ފެނިފައިވާ ކަމަށެވެ ނަމަވެސް އަދި އެފަދަ ތަނަކަށް ވަދެވޭ ގޮތް ނުވާ ކަމަށް އިއްޔެ ވެސް އޭނާ ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.