އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އާރު.އީ.އޯ.ސީ) ގެ މަސައްކަތް ދަނީ ހަލުވުކަމާއެކު ކުރިއަށް ކަމަށް ހާމަކުރައްވައިފިއެވެ.

މަޗްރޫއުގެ މަސައްކަތާ ހަވާލުވެ ހިންގާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، އެ މަޝްރޫއުގެ ދަށުން މިހާރުކުރިއަށް ދަނީ، ފުރާޅު ހެދުމަށް ބޭނުންވަ ސްލެބް ޝަޓަރިންގްގެ މަސައްކަތްތަކާއި، ރީއެންފޯސްމެންޓް މަސައްކަތްތައް ކަމަށެވެ.

ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ސެންޓަރުގައި، މީޓިން ރޫމަކާއި ކޭޓްރިންގެ ޚިދުމަތާއި ގުދަންތަކާއި ގެދަރިން ހޯލްތައް ހެދިގެންދާނެއެވެ. އަދި މީގެ އިތުރުން ވެސް ބޭނުންވާނެ އެހެން ވަސީލައްތައް މިތަނުގައި ގާއިމުވާނެކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

ޤުދުރަތީ އަދި އެނޫން ވެސް އެކި ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން، ރައްޔިތުންނަށް އަވަސްކަމާއި ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މި މަޝްރޫއު، އޮގަސްޓުމަހަށް ނިމޭނެކަމަށް އެމްޓީސީސީއިން ކުރިން ހާމަކުރައްވާފައިވެއެވެ.

މި މަޝްރޫއުގެ ސަބަބުން، ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް ބޮޑު އެހީއެއް ލިބިގެންދާނެއެވެ.