ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު (އެމް.އެލް.އީ) މެދުވެރިކޮށް ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ކާމިޔާބުކަމާއެކު ހޭންޑްލްކޮށް މިހާރު ވަނީ ފޮނުވާލާފައެވެ. މިއީ ރާއްޖޭގެ މައި އެއަރޕޯޓުން ދޭ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވެގެންދިޔަ މުހިންމު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް، ވެލާނާ އެއަރޕޯޓުން ވައިގެ މަގުން ފޮނުވާލާފައިވަނީ ފްރާންސްގެ ލީލް އަށެވެ. މި މަސައްކަތުން ދައްކުވައިދެނީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގައި ރާއްޖޭގެ މައި އެއަރޕޯޓުން އަދާކުރާ މުހިންމު ދައުރާއި، ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާގެ ގާބިލުކަމެވެ.
މީގެ ކުރިން އެމް.އެލް.އީ މެދުވެރިކޮށް މިފަދަ ސީ-ޓު-އެއަރ ޚިދުމަތްތައް ގިނައިން ހޯދަމުން އައީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކުންނެވެ. ނަމަވެސް ކެމްބޯޑިއާގެ މުދާ ކާމިޔާބުކަމާއެކު ހޭންޑްލްކުރެވުމަކީ އާ މާކެޓްތަކަށް ރާއްޖޭގެ ކާގޯ ޚިދުމަތް ފޯރަމުންދާކަމުގެ ވަރުގަދަ ހެއްކެކެވެ.
ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގުން މުދާ ފޮނުވުމަށްވުރެ އަގުހެޔޮ، އަދި ކަނޑުމަގުން އެކަނި ފޮނުވުމަށްވުރެ އަވަސް ގޮތެކެވެ. އެހެންކަމުން މިއީ ވަގުތުން ވަގުތަށް ފޮނުވަންޖެހޭ މުދަލަށް އޮތް އެންމެ އެކަށީގެންވާ އަދި އިތުބާރު ހުރި ހައްލެވެ.
މި ކާމިޔާބީއާއެކު، އޭޝިއާއާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ބާޒާރުތަކާ ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއަރޕޯޓުގެ ނަން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އިތުރަށް ވަރުގަދަވެގެން ގޮސްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.