ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނީ ވަރަށް ވަރުގަދަ މެޗް ތަކެކެވެ. ރޭ ގެ މެޗުތަކުން އެންމެ ފަހުގެ ޗެމްޕިޔަން ފެނަކަ ބަލިކޮށް އެފްއެސްއެމް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. އަދި އެސްޓީއޯ ރެކްރިއޭޝަން ކްލަބް ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ވެސް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. އެެންމެ ވަރުގަދަ ކަމަށް ގިނަ ބަޔަކު ބުނާ އަދި ފަހުގެ ޗެމްޕިއަން، ފެނަކަ އަތުން އެފްއެސްއެމް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އަތުން އާރްއާރްސީ ވަނީ 5-1 އިން މޮޅުވެފަ އެވެ.ރޭ ހުޅުމާލޭގައި ކުޅުނު އެފްއެސްއެމް އާއި ފެނަކަ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފެނަކަ ޓީމުގެ ކެޕްޓަން، ހުސެއިން ނާޝިދު (ނާއްޓޯ) އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، އެފްއެސްއެމްގެ އަލީ އަލްސަން ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ މި އެއްވަރު ކޮށް ދިނުން ވެގެން ދިޔައީ މުބާރާތުގެ ފައިނަލަށް ކޮށިގެން ދިޔަ ފުޅާ މަގަކަށެވެ. އެއްވަރު ވެގެން ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ފެނަކަ އަށް ކާމިޔާބުކުރެވުނީ އައްޒާމް އަބްދުﷲ (އެޑޫ) އާއި މުހައްމަދު އިންޝާލް ފޮނުވާލި ޕެނަލްޓީ އެވެ. ނަމަވެސް އެފްއެސްއެމް އިން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ އަހުމަދު އައިހަމް (އައިހު)، އަބްދުﷲ ޒިޔާން، އަލްސަން އަދި އިބްރާހިމް ހުސެއިން އެވެ. ސެމީގައި އެފްއެސްއެމް ވާދަކުރަން ޖެހޭނީ 2021 ވަނަ އަހަރު އެފްއެސްއެމް ފައިނަލުގައި ބަލިކޮށް މުބާރާތުގެ ތަށި އުފުލާލި އާރްއާރްސީ އާއި އެވެ. ކްލަބް މޯލްޑިވްސް ކަޕް ސެމީ ފައިނަލް މެޗުތައް އޮތީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ