ގައުމީ އެއާލައިން މޯލްޑިވިއަން އާއި އެމްޓީސީސީން ދޭ ދަތުރުފަތުރުގެ ހިދުމަތްތައް އެއް ސޮފްޓްވެއާއަކުން ލިިބޭނެ ގޮތް ހަދައި، ބޮޑެތި ލުއިތަކެއް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ގެނެސްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ. ނާޒިމް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނަށް ރޭ ތ. ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކވަމުންނެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ރަނގަޅު ވިއުގައަކުން ގުޅައިގެން ނޫނީ، މި ރާއްޖޭގެ ރައްޔިތުން ބޭނުންވާފަދަ ތަރައްގީއެއް ނުގެނެވޭނެ ކަމަށެވެ.

"މޯލްޑިވިއަނުން ޓިކެޓް ގަނެ، މި ރަށަށް ޖައްސައި، އާރުޓީއެލް އިން މި ރަށުން ފުރައިގެން ކަނޑޫދުއަށް ދާން ބޭނުންވާ މީހާއަށް ވެސް ދެވޭނެ. މިއަދު ހާލަތަކީ ކޮބައިތޯ؟ މިއަދު ހާލަތަކީ މި ރަށަށް އާދެވިއްޖެއްޔާ، މި ރަށުން ނުދެވިގެން މިތަނުގައި ތިބެން ޖެހެނީ.. އެ ވިއުގާއިން ގުޅާލީމާ މި ރަށުން ފުރައިގެން ދާ މީހާ، މާލެއަށް ދެވޭ ވަރަށް ސޮފްޓުވެއާގެ ތެރެއިން ބުކިން ހެދޭނެ. އަދި މާލެއިން މި ރަށަށް އަންނަން މީހާއަށް ވެސް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ފާހަގަކުރި ގޮތުގައި، 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ތިމަރަފުށި އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވިކަމަށާއި، އެ އެއާޕޯޓް އަދިވެސް އޮތީ އެތަން ހުޅުވިއިރު ވެސް އޮތް ގޮތަށް އެއްވެސް ކުރިއެރުމެއް ނުލިބި ކަމަށް ވިދާޅުވި އެވެ.