ކުރިއަށްއޮތް 5 އަހަރުގެ ދައުރަކަށް އިންތިޚާބުވެ ވަޑާއިގެންފިނަމަ ދިވެހި ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިހާރު ފެނިގެންދަނީ ފުލުހުންނާއި ސިފައިންގެ މުއައްސަސާއަށް އިންތިހާއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މަންޒަރުކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ ދިވެހިންގެ ފަޚުރު ކަމުގައިވާ އެ ދެ މުއައްސަސާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، އެ ދެ މުއައްސަސާގެ ފަޚުރުވެރިކަން އަނބުރާ އިޔާދަ ކޮށްދޭނެ ކަމަށެވެ. އެގޮތުން އިންތިޚާބު ވެވަޑައިގެންފިނަމަ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ އިރާދަކުރެއްވިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭނެ ކަމަށް މުޢިިއްޒު ވަޢުދުވެ ވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ފުލުހުންގެ މުއައްސަސާއާއި ސިފައިންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުން މިހާރު އިންތިހާއަށް ގޮސްފައިވާތަން. އެކަމުގެ ސަބަބުން އެ ދެ މުއައްސަސާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް އެބަކުރޭ އަޅުގަނޑުމެންގެ ފަޚުރު އެ ދެ މުއައްސަސާ އަކީ. އެހެންވީމާ އަޅުގަނޑުދޭ ޔަޤީންކަމަކީ އެ ދެ މުއައްސަސާގެ ފަޚުރުވެރިކަން އަނބުރާ އިޔާދަ ކޮށްދޭނެވާހަކަ. އެ ދެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާކޮށްދޭން ކުރެވެންހުރި ހުރިހާ ކަމެއް ކުރަނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އެ ދެ މުއައްސަސާއަށް އަރުވަން. ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ އިރާދަކުރެއްވިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭނަން."
މިއާއިއެކު މުޢިއްޒު ވިދާޅުވީ މިނިވަން ކަމާއެކީގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ސިފައިންނާއި ފުލުހުންނަށް އިރާދަކުރެއްވިއްޔާ ހޯދައި ދެއްވާނެ ކަމަށާއި، ބޭރު ޤައުމެއްގެ އަޅުވެތިކަމަށް ބާރު ދޫކޮށްލަންޖެހޭ އެއްވެސް ކަހަލަ ނުފޫޒެއް ހިންގުމުގެ ޖާގައެއް އިރާދަކުރެއްވިއްޔާ އެ ދެ މުއައްސަސާއަށް ކުރިމަތިވިޔަކަ ނުދޭނެ ކަމުގެ ޔަޤީންކަންވެސް އަރުވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.