މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ އިން ކުރަމުންދާ ކެމްޕޭނަކީ ރައްޔިތުންނާއި ވަރަށްގާތުން މަސައްކަތްކުރެވި ރައްޔިތުން އެދޭގޮތަށް ޤާއިމްކުރެވިިގެންދާ ސަރުކާރެއްކަމުގައި ވުމަށް މަގުފަހިވެގެންދާނެ ކެމްޕޭނަކަށް ވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ކެމްޕޭނު ގެ ދެވަނަ ދަތުރުފުޅަށް މިއަދު 4 އަތޮޅަކަށް ފުރާވަޑައިގަންނަވަމުން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ޑރ. މުޢިއްޒު ވިދާޅުވީ މާލެއާއި އަތޮޅުތަކަށް ބަހާލައިގެން މި ކެމްޕޭނު ކުރިއަށް ގެންދާއިރު، ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައިދީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ސިޔާސަތުތައް ހާމަކުރުންފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

”އަޅުގަނޑުމެން މާލެއާއި އަތޮޅުތެރެއަށް ބަހާލައިގެން  ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައިދީ އަޅުގަނޑުމެންގެ ފަރާތުން ސިޔާސަތުތައް ހާމަކުރުންފަދަ ކަންކަން ކުރިއަށް ގެންދެވޭނެ. އިރާދަކުރެއްވިއްޔާ މި ކެމްޕޭނަކީ ރައްޔިތުންނާއި ވަރަށްގާތުން މަސައްކަތްކުރެވި ރައްޔިތުން އެދޭގޮތަށް ޤާއިމްކުރެވިިގެންދާ ސަރުކާރެއްކަމުގައި ވުމަށް މަގުފަހިވެގެންދާނެ ކެމްޕޭނަކަށް ވާނެ“ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު

ރިޔާސީ ކެމްޕޭނަށް ލިބިފައިވާ ވަގުތު ކުޑަވުމާއި ގުޅިގެން ހުރިހާ ރަށްރަށަށް ނުދެވުނުނަމަވެސް ވަގުތު ތަންދޭ މިންވަރަކުން ވީހާވެސް ގިނަ ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށާއި، ބައެއް ރަށްރަށަށް ކައިރި ހިސާބުތަކުގެ ރައްޔިތުން ގެނެސް ބައިވެރިކޮށްގެން ކެމްޕޭނު ކުރިއަށް ދާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

”މި އަތޮޅުތަކުގެ ހުރިހާ ރަށަކަށް ނުދެވޭނެ އެހެންނަމަވެސް، މިވަގުތު ތަންދެވޭ ގިނަ ރަށްތަކަކަށް އެބަދަން. ދެން ކައިރި ރަށްތަކުގެ ރައްޔިތުންގެ ތެރެއިން ކޮންމެވެސް ވަރަކަށް ބޭފުޅުން ވަޑައިގެން ބައިވެރިވާ ކަހަލަ ގޮތަކަށް ނޫނީ މިހާރު ޓައިމް މެނޭޖް ކުރެވޭކަށް ނެތް. ކުރިން ހއ، އަދި ހދ އަށް ކުރި ދަތުރު އެއީ ހަމަ އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ދަތުރެއްގެ ގޮތުގައި ފާހަގަކުރެވެނީ.“ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު

ބޮޑު ތިލަދުންމަތީގެ ރަށްތަކެކޭ އެއްފަދައިން ކުރިއަށްއޮތް ދަތުރުގައިވެސް އެ ރަށްރަށުގެ ރައްޔިތުން އެދޭ ކަންކަން އޮޅުންފިލުވާ އެކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. ޑރ. މުޢިއްޒު އާއި ޓީމް މިއަދު ދަތުރު ފެއްޓެވީ ވ، މ، ފ، އަދި ދ އަތޮޅުގެ ބައެއް ރަށްރަށަށެވެ. އެގޮތުން މި ދަތުރުގެ ފުރަތަމަ މަންޒިލަކީ ދ. ކުޑަހުވަދޫއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 19 އޯގަސްޓްގައެވެ. ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެމްޕޭނު ދަތުރުގައި ޕީއެންސީގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް ވެސް ދަނީ ގއ، އަދި ގދ ގެ ބައެއް ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ.