ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރުން، ސްކޫލުތަކުގެ ބޮޑު ބަންދަށް ގެނައި ބަދަލު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ބަދަލުކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވީ، އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް މ، ފ، ދ، އަދި ވ. އަތޮޅުގެ ރަށްތަކަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ބޮޑު ޗުއްޓި މި އަހަރުގެ މެދަށް ބަދަލުކުރުމުން، އެ ދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަހަށް ކަމަށާއި، އޭގެ ސަބަބުން، ބެލެނެވެރިންނާއި ދަރިވަރުންނަށް ރަނގަޅު ގޮތުގައި ޗުއްޓީ ހޭދަކުރުމަށް ދަތިތައް ދިމާވާ ކަމަށެވެ.
އެގޮތުން، މި ސަރުކާރުން ކަންކަން ނިންމަނީ، އާންމުންގެ ހިޔާލު ނުހޯދާ ކަމަށާއި، ސްކޫލުގެ ބޮޑު ޗުއްޓީ އަހަރުގެ މެދަށް ބަދަލުކޮށްފައިވަނީވެސް ހަމަ އެގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަނެއް ކަމަކީ [ބޮޑު ޗުއްޓީގެ ތެރެއިން] ޖުލައި 26 އާދޭ. ޖުލައި 26 އައުމުން ސްކޫލްތަކުން މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވާ ހުރިހާ ދަރިވަރުން އެކަމުގައި ޝާމިލުވާން އެބަ މަޑުކުރަން ޖެހޭ. އެހެންވީމާ، ބޮޑު ބަންދުގެ ބޮޑު ބައެއް އެބަ ގެއްލޭ ޕްރެކްޓިސް ކުރުމަށް މަޑުކުރަން ޖެހިގެން ވެސް،" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ސަރުކާރުން އެ ފަދައިން ސްކޫލް ޗުއްޓީއަށް ބަދަލު ގެނައީ، ޓޫރިޒަމް ދާިއރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެދު ވިސްނާފައި ކަމަށް ބުނިނަމަވެސް، އެ ފަރާތްތަކަށްވެސް މި ބަދަލަކުން އެއްވެސް ފައިދާއެއް ނުކުރާ ކަމަށެވެ.
މީގެ އިތުރުން، މުއިއްޒު ވިދާޅުވީ ސްކޫލް ޗުއްޓީ ޑިސެމްބަރއަށް ބަދަލުކުރުމަށް ވަގުތު ނަގާނެ ކަމަށާއި، ނަމަވެސް އެކަން އެންމެ އަވަހަށް ކުރެވޭނީ ޖެހުނއަރީ 2025ގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ގޮތަށް ބަދަލު ގެނެސްގެން ކަމަށެވެ.
އަދި ޑިސެމްބަރ މަހަށް ޗުއްޓީ ބަދަލުކުރުމުގެ ކުރިން ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގެއްލުން ނުވާނެ ގޮތަށް، ލުއި ގޮތެއް ހަމަޖައްސަން އެ ދާއިރާގެ އިސްވެރިންނާއި މަޝްވަރާ ކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.