މަޝްހޫރު ފިޔަފާރިވެރިޔާ އަހްމަދު އާރިފް(އާއްޓެޭ) ޕީޕީއެމްއަށް ސޮއި ކުރައްވައިފި އެވެ.
އޭނާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ގުޅިވަޑައިންނެވީ މިރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ޖަލްސާގައެވެ. އާއްޓޭ ޕީޕީއެމްއާ ގުޅިވަޑައިގަތުމަށްފަހު އެޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ ޕީޕީއެމް އާ ގުޅެން ޖެހުނު އެއްސަބަބަކީ އެމްޑީޕީގެ ދޯހަޅި ސިޔާސަތާއި އަދުލުއިންސާފު އެމީހުން ބޭނުވާގޮތަށް މާނަކުރުމެވެ. އެހެންކަމުން މިހާރު މިއޮތް ބޭއިންސާފު ސަރުކާރު ނިމުމަކަށް ގެނައުމަށް ޕީޕީއެމްއާ އެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އާއްޓޭ ވިދާޅުވިއެވެ. އާއްޓޭ ވަނީ ޕީއެންސީގެ ކެންޑިޑޭޓަށް ނިސްބަތްކޮށް ދިފާޢީ ވަޒީރު މާރިޔާ ދީދީ ދެއްކެވި ވާހަކައަށް ރައްދު ދެއްވާފައެވެ.
”އަޅުގަނޑަށް މިއަދުވެސް ނޫސްތަކުން ފެނިގެންދިޔައީ މާރިޔާ މި ވިދާޅުވަނީ މެނިފެސްޓޯއެއް ނެތް ބޭފުޅެކޭ. މާރިޔާއަށް ކިހިނެއްތޯ އަޅުގަނޑުމެންގެ މެނިފެސްޓޯ ފެންނާނީ. އެބޭފުޅާ އެވަނީ ވަކި ފަރާތަކަށް ފޯކަސް ހުއްޓިފަ. އެބޭފުޅާއަކަށް އަޅުގަނޑުމެންގެ މެނިފެސްޓޯއެއް. އަޅުގަނޑުމެންގެ މެނިފެސްޓޯއަކީ ދިވެހިރާއްޖޭގައި އިސްލާމްދީން ދެމެހެއްޓުން. އެއީ މެނިފެސްޓޯގަ އެންމެ މުހިންމު ޕޮއިންޓަކީ“ އާއްޓޭ ވިދާޅުވިއެވެ.
އާއްޓޭ ވިދާޅުވީ މިހާރު މިފެންނަނީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި ބޭރު ޤައުމެއްގެ އަޅުވެތި ކަމަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށާއި، އެކަމުން ރާއްޖެ ސަލާމަތް ކުރައްވަން ޑރ. މުޢިއްޒު މަސައްކަތް ކުރައްވާނެ ކަމަށާއި އެސަބަބަށްޓަކައި ވެސް އެމަނިކުފާނު އިންތިޚާބު ކުރަން ޖެހޭކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.