މިއަދު ދުނިޔެ އޮތީ އިންސާނުންގެ މުށު ތެރޭގައެވެ. އަތުގައި އަބަދު އޮންނަ މޯބައިލް ފޯނުން ނުވަތަ އެފަދަ ޑިވައިސަކުން ނުކުރެވޭ ކަމެއް ނެތޭ ދެންނެވުން އެއީ ވެސް ދޮގަކަށް ނުވާ ހިސާބަށް ޒަމާނީ ޓެކްނޮލޮޖީ ކުރި އަރައިފިއެވެ. ތަފާތު އެޕްލިކޭޝަން ތައް މެދުވެރިކޮށް ބޭނުން ކަމެއް ކުރުމަކީ އެއްވެސް ކަމެއް ނޫނެވެ. ދިވެހި ރާއްޖޭގެ ޙާލަތު ވެސް މިއަދު ވަނީ މިދެންނެވި ޓެކްނޮލޮޖީ ވަރަށް ކުރިއަރާފައެވެ. ބޭނުން އިރަކު ބޭނުން ކަމެއް ކޮށްލައެވެ. އެގޮތުން ބަލާއިރު ދުނިޔޭގެ ވާނުވާ ބަލާލުމަށް ނޫސްތައް ބަލާލުމަކީ އެންމެ ގިނަ ބަޔަކު ކުރާ އެއްކަމެވެ. ކުރިން ބުކްޝޮޕުން ގަނެގެން ކިޔަމުން ދިޔަ ނޫސް މިހާރު ވަނީ އަތުގައި އޮންނަ ފޯނުގެ އެންމެ ހަރަކާތަކުން ފެންނަ ގޮތަށް ތަނަވަސް ވެފައެވެ. އާނއެކެވެ، އަޅުގަނޑު މި އިޝާރާތް ކުރަނީ ރާއްޖޭގައި ވަރަށް ކާމިޔާބު ކަމާ އެކީ ހިނގާ "އަޑަފި" އެޕްލިކޭޝަންގެ ވާހަކައެވެ. "އަޑަފި" އެޕްލިކޭޝަނަކީ ރާއްޖޭގައި ނެރޭ އޮންލައިން ނޫސްތައް އެއްތަނަކުން ކިޔާލެވޭގޮތަށް ތައްޔާރުކޮށް ހިންގަމުންދާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން އަކީ މީޑިއާ ލިންކް ޕްރައިވެޓް ލިމިޓެޑް ގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރ ކޮށްގެން ހިންގަމުންދާ އެޕްލިކޭޝަނެކެވެ. "އަޑަފި" އެޕްލިކޭޝަން ޑިވެލޮޕްކޮށް ހިންގާ މީޑިއާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން އަދި އެކްޓިންގް މެނޭޖިންގް ޑިރެކްޓަރ ސަނީހް ވިދާޅުވީ "އަޑަފި" އެޕްލިކޭޝަނަކީ ކިޔުންތެރިންނާއި ލިޔުންތެރިން ގުޅުވައިދޭ މާހައުލެއްގެ ގޮތުގައި އަދި ފަސޭހައިން ހަބަރާއި މައުލޫމާތު ކިޔުންތެރިންނާއި ހަމައަށް ވާސިލުކޮށްދިނުމަށް އުފައްދާފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.
27 ނޮވެމްބަރ 2014 ގަ ރިލީޒް ކުރި މި އެޕްލިކޭޝަނާ ބެހޭ ގޮތުން "ހުވަދޫ މީޑިއާ" އަށް މައުލޫމާތު ދެއްވަމުން ސަނީހް ވިދާޅުވީ މިހާރު 100،000 އަށް ވުރެ ގިނަ ޑައުންލޯޑްސް ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކޮށްފައިވާ ކަމަށާއި މި އެޕްލިކޭޝަނަކީ އައި ފޯނު އަދި އެންޑްރޮއިޑް ފޯން ތަކަށް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ އެޕްލިކޭޝަނެއް ކަމަށެވެ. "އެޕް ސްޓޯރ އިންވެސް ޑައުންލޯޑު ކުރެވޭނެ. މި އެޕްލިކޭޝަން މެދު ނުކެނޑި ހިންގާތާ މިހާރު 8 އަހަރާއި 3 މަސް ވެއްޖެ" ސަނީހް ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ މީހުން ޝައުގުވެރިކަމާއި އެކު ކޮންމެ ދުވަހަކުވެސް ހަބަރުތައް ކިޔަން ބޭނުން ކުރާ މި އެޕްލިކޭޝަނަކީ ދުވަސްވީ އުމުރުފުރައިގެ މީހުންގެ މެދުގައި އެންމެ ގިނައިން ބޭނުން ކުރާ އެޕްލިކޭޝަނެކެވެ. ހަމަ އެހެންމެ މިއީ ދިވެހި ރާއްޖެ އަށް އުފަން ދިވެހި ޑިވެލޮޕަރަކު ތައްޔާރު ކޮށް ހިންގާ އެޕްލިކޭޝަން ކަށް ވާ ކަމީ މި ފުރުސަތުގައި ފާހަގަ ކޮށްލަން މުހިންމު ކަމެކެވެ. https://twitter.com/mvadafi/status/1690803712162406400?s=20 "އަޑަފި" އެޕްލިކޭޝަން އާއި ބެހޭ އިތުރު މައުލޫމާތު ދެއްވަމުން މީޑިއާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން އަދި އެކްޓިންގް މެނޭޖިންގް ޑިރެކްޓަރ ސަނީހް ވިދާޅުވީ ކިއުންތެރިންނަށް ފެންނަން ހުންނަ ޚަބަރުތައް އަދި ޚަބަރުތަކުގެ ސުރުޚީ ތަކަކީ އެއްވެސް ހާލަތެއްގައި އެ އެޕްލިކޭޝަން އިން އެއްވެސް ބަދަލެއް ގެނައުމަށްފަހު ޝާއިރު ކޮށްފައިވާ ލިޔުންތަކެއް ނޫން ކަމަށާއި އެހެންކަމުން އެޕްލިކޭޝަން އިން ފެންނަން ހުންނަ ލިޔުންތަކުގައި ކިއުން ތެރިން ހިތްހަމަ ނުޖެހޭފަދަ އެއްވެސް ލިޔުމެއް ހުރިކަމުގައި ވީނަމަވެސް މި އެޕްލިކޭޝަން އިން އެކަމުގެ އެއްވެސް ޒިންމާއެއް ނުނެގޭނެ ކަމަށެވެ. އަދި "އަޑަފި" އެޕްލިކޭޝަންގައި ހަބަރުތައް ގެނެސްދޭ ނޫސްތަކަކީ އެ ނޫސްތަކުން އަމިއްލައަށް އެދިގެން އެ އެޕްލިކޭޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސްތައް ކަމަށާއި "އަޑަފި" އެޕްލިކޭޝަަންގައި ހިމަނާފައިވާ ނޫސްތަކަކީ މިނިސްޓްރީ އޮފް ހޯމް އެފެެއަރޒް ގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްތައް ކަމަށައި، ހޯމް މިނިސްޓްރީގައި ރަޖިސްޓަރ ނުކުރާ ނޫސްތައް "އަޑަފި" އެޕްލިކޭޝަންގައި ނުހިމަނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
"މި އެޕްލިކޭޝަނުން އެއްވެސް ބައެއްގެ ހައްގަކަށް އަރައިނުގަންނާނެ. ގާނޫނާ ގަވާއިދުތަކަށް މި އެޕްލިކޭޝަންގެ ފަރާތުން އަބަދުވެސް ހުރުމަތްތެރިކޮށް ހިތާނެ ކަމުގެ ޔަގީންކަން ކިޔުންތެރިންނަށާއި ލިޔުންތެރިންނަށް އަދި ނޫސްވެރިންނަށް އަރުވަން." މީޑިއާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން އަދި އެކްޓިންގް މެނޭޖިންގް ޑިރެކްޓަރ ސަނީހް ވިދާޅުވިއެވެ.
ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ނޫސް މަޖައްލާ ތަކުގެ ތެރެއިން 41 ނޫސް މަޖައްލާ އަޑަފި މެދުވެރިކޮށް ގިނަ ބަޔަކު ބަލަމުން ދާއިރު މިއީ ވަރަށް މުހިންމު ކުރިއެރުމަށް ރާއްޖެއަށް ގެނެސްދީފައިވާ ޕްލެޓްފޯމެކެވެ. ޓެކްނޮލޮޖީ ގައި ރާއްޖެ ހޯދަމުން އަންނަ ބޮޑު ކުރިއެރުމުގެ ޗޭނުގެ ތެރޭގައި އަމުނާ ލެވިފައިވާ މުހިންމު ބޮޅެކެވެ. މުހިންމު ހިއްސާ އެކެވެ. "ހުވަދޫ މީޑިއާ" އަކީ އެ ހިއްސާގެ ބައިވެރިއެއް ކަމަށް ވުމާއިއެކު، އެދެނީ "އަޑަފި" އަށް ޢަދަށް ވުރެ ފަހި މާދަމާ އަކަށެވެ. ޒަމާނީ ގޮތުން ކުރިއަރާފައިވާ ފަހި އަދި ފުޅާ މުސްތަޤުބަލަކަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.