ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް ގެ ސަރުކާރު ރާއްޖޭހެ ވެރިކަމަށް އައި ފަހުން، ސަރުކާރު ކުންފުނިތަކުގެ، ފޫ ވެއްޓިފައިވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ. އިންތިހާބުގެ ކެމްޕޭނުގައި ގާސިމް ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ ކަނޑިތީމަށް ވަޑައިގެން ގާސިމް ވިދާޅުވީ، ރައްޔިތުންގެ ވިސްނުން އަބުރަލުމަށްޓަކައި އެއްވެސް ގޮތެއް ނުބަލައި ސަރުޚާރު ކުންފުނިތަކުގެ ބޭނުންކޮށްގެން ވަޒީފާއަށް ދަނީ މީހުން ވައްދަމުން ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުތަކުން ވެރިކަމުން ފޭބި އިރު ރާއްޖޭގެ ދަރަނި އޮތީ 40 ބިލިޔަންގައި ކަމަށާއި ނަމަވެސް މި ސަރުކާރުގެ ވެރިކަން އަދި ނުނިމޭއިރު، ރާއްޖޭގެ ދަރަނި ވަނީ 70 ބިލިއަންވުރެ މަތީގައި ކަމަށެވެ.

" އަޅުގަނޑު އޭރުވެސް ބުނިން ރައްޔިތުން އެމްޑީޕީއަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެއްޔަކާ މީގެ ކުރިން އެ ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ވުރެ ނުބައިވާނޭ. ނުބައެއް ނުވޭތޯ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެން ދިޔައިމަ. ކުރިގެ ސަރުކާރުތަކުން 40 ބިލިޔަން ޑޮލަރާއި ހަމައަށް ދަރަނި ނަގާފަ އޮތީ. މި ސަރުކާރުން މިހާރު ހުސް އެކނަި 70 ބިލިއަން ޑޮލަރަށް އަދި އޭގެ އިތުރަށްވެސް ނަގައިފި. ފަސް އަހަރުތެރޭ." ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ގާސިމް ވިދާޅުވީ ގިނަ ޒުވާނުންނަށާއި ދިވެހިން ވަޒީފާގައި އުޅޭތީ އުފާވާ ކަމަށާއި ނަަމަވެސް ތާއަބަދަށް އެއީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން، ސަރުކާރުގެ ކުންފުނިތައް ވަނީ މިހާރު ފޫ ވެއްޓިފައި ކަމަށާއި، ދަރަނި ނަގަމުން ނަގަމުން ގޮސް، ކުންފުނިތަކަށް މިހާރުވަނީ ނޭވާ ނުލެވޭ ހިސާބަށް ގޮސްފައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"މި ހާރު އެއްވެސް ގޮތެއް ނުބަލައި ވަޒީފާއަށް މީހުން ވައްދަނީ. ފެނަކަ އާއި ރޯޑް ކޯޕަރޭޝަންއާއި ސްޓެލްކޯ  އަށް ގޮތެއް ނުބަލައި ހަމަ މީހުން ވައްދަނީ. ހަމަ ވައްދަނީ . ހަމަ ވައްދަނީ.. އަޅުގަނޑުމެންވެސް އުފާވޭ ގިނަ މީހުންނަށް ވަޒީފާ ލިބޭތީ. ނަމަވެސް އެއީ ތާއަބަދަށް ކުރެވިދާނެ ކަމެއް ނޫން. ކުންފުނިތައް ހުރީ ފޫ ވެއްޓިފައި. އެއްވެސް އެއްޗެއް ނެތް. ދަރަނި ނަގަމުން ނަގަމުން ގޮސް ކުންފުނިތަކަށް ނޭވާ ނުލެވޭ ހިސާބަށް ގޮސްފައި ވަނީ.

ގާސިމް ވިދާޅުވީ އެއްގޮތަކަށްވެސް މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްއަށް ވޯޓުލައިގެން ނުވާނެ ކަމަށެވެ.، އަދި އެމަނިކުފާނު އަނެއްކާ ރާއްޖޭގެ ވެރިކަމަށް ހޮވައިފިނަމަ، މި ގައުމުގައި އަމާންކަމެއް މިނިވަންކަމެއް ނޯނާނެ ކަަމަށާއި އަދި އެވާހަކަ ދައްކަވަނީ ވަރަށް  ޔަގީން ކަމާއިއެކު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި އެއްވެސް ބަޔަކު ދައްކާ ދަޅަޔަކަށް ނުހެއްލި، ވިސްނުންތެރިކަމާއިއެކު ވޯޓު ލުމަށް ގާސިމް ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ. އަންނަ ސެޕްޓެމްބަރ މަުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އަދި މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފަހަރެވެ.