މިއަދުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހާމަކޮށްފިއެވެ.

އެގޮތުން ކުރިއަށް އޮތް 24 ގަނޑިއިރަށް މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން، ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 14:00 އިން ހަވީރު 17:00 އާއި ހަމައަށް މާލެ އަތޮޅުން ފެށިގެން އައްޑު އަތޮޅަށެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި ރާޅުގެ އުސްމިން 3 ފޫޓާއި 5 ފޫޓާއި ދެމެދު ހުންނާނެ ކަމަށް މެޓްއިން ހާމަކުރެއެވެ.

މި ހިނގާ އޯގަސްޓް މަހުގެ ކުރީ ކޮޅުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރުކޮށް ސިނަމާލެ ބްރިޖްއާއި ހައިވޭ އަދި މާލޭގެ އެކި ސަރަހައްދުތަކަށްވެސް ގެއްލުންތަކެއް ލިބިފައެވެ.