އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން އިންތިހާޞުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 10 އަހަރު ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި މުނައްވަރު ވިދާޅުވި ގޮތުގައި، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ބޭފުޅެއް ކަމަށް އޭނާއަށް ފެނިވަޑައިގަންނަވަނީ މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒެވެ. މުނައްވަރަކީ ޕީޕީއެމާ އެކު، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ން ނިންމި ނިންމުމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ ވެސް މެ އެވެ. މުއިއްޒަށް ތާއިދު ކުރައްވަން މުނައްވަރު ނިންމެވި އެއް ސަބަބަކީ ވެސް އެއީ އެވެ. ރިޔާސީ އިންތިހާބުގައި ޑރ.މުއިއްޒަށް ތާއީދު ކުރައްވާ ކެމްޕެއިން ހަރަކާތުގައި ޑރ. މުނައްވަރު ބައިވެރިވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. މިގޮތުން މާދަމާ ޑރ. މުއިއްޒު އާއެކު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ޓީމާއެކު ވަޑައިގަންނަވާނެ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުނައްވަރު ވަނީ 2007 ގައި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. ފަހުން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެ ޕާޓީން ވަކިވެ، ދެން ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެން މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވި އެވެ. އެކަމަކު ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލީ އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން މުނައްވަރު ފަހުން ނިންމެވީ، މި ހާލަތުގައި އޭނާގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ މާހައުލެއް އޮތް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.