ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ " ދިވެހީންގެ ރާއްޖެ" މެނިފެސްޓޯ މިރޭ ލޯންޗުކުރެވިގެން ދިޔައިރު، އޭގެ ތެރެއިން ދެކުނުގެ ހަތަރު އަތޮޅު ހިމެނޭނެހެން، އިންޓަގްރިޓީ ހަބެއް ތަރައްގީ ކުރާނެ ކަމަށް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު ވިދާޅުވެއްޖެއެވެ. 19 ޗެޕްޓަރ އަކަށް ބަހާލައިގެން މިރޭ ލޯންޗުކުރި އެ މެނިފެސްޓޯ ގައި އެންމެ އިސްކަމެއްދީ ފައިވަނީ ޒުވާނުންނާއި އަންހެން ކަނބަލުންނާއި، މަސްވެރިންނާއި އަދި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްޗަށެވެ. މެނިފެސްޓޯ ލޯންޗުކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ މެނިފެސްޓޯގައި ވާ ކަންކަމަކީ ހާސިލް ކުރެވޭނެ ކަންތައްތައް ކަމަށާޢި، އެގޮތުން ކުޑަރަށެއް އަދި ބޮޑު ރަށެއް ނުވަލާ މުޅި ރާއްޖެއަށް ތަރައްގީ ގެންނާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯގެ ބައިތައް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ތަރައްގީ ގެނެސްދެވޭނެ ފަދަ ގޮތަކަށް. އެގޮތުން ރާއްޖޭ އެންމެ އުތުރުން ހަމަ މައި "އަރބަން ސެންޓަރ" އެއްގެ ގޮތުގައި އުތުރުގެ ތިން އަތޮޅު ހިމެނޭހެން އިންޓަރ ގްރޭޓެޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްއެއް އަޅުހަނޑުމެން ކުރިޔަށް ގެންދަން ގަސްތުކުރަން. އެންމެ ދެކުނުގެވެސް ތިން އަތޮޅު ހަތަރު އަތޮޅު ހިމެނޭހެން އިންޓަރ ގްރޭޓެޑް ޑިވެލޮޕްމެންޓް މައި ހަބެއްގެ ގޮތުގައި ތަރައްގީ ކުރުން. " މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކަންކަން ކުރެވޭނީ ރައްޔިތުންގެ އެހީތެރިކަމާއި އެކުގައި ކަމަށާއި އެހެންކަމުން، ދިވެހީންގެ ރާއްޖެ ގެނައުމަަށް ހުރިހާ ފަރުދުންވެސް މަސައްކަތް ކުރުމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ގައުމުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރިކަމަށާއި، އެކަންކަން ހައްލު ކުރުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަންވެސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ވެރިކަމަށް މި ނުކުތީ ހެޔޮ ނިޔަތެއްގައި ، ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.