18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަަށް ގޯއްޗެއް ނުވަތަ އެޕާޓްމެންޓްއެއް ކަށަވަރުކޮށްދޭނެ ކަަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، މިރޭ އެބޭފުލާގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯ ލޯންޗުކުރުމަށް ހުޅުމާލެ ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތުގައި މެނިފެސްތޯގައި ހުރި ކަންކަމަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށެވެ. އެކަން ހައްލުކުރެވިއްޖެ ނަމަ އިޖުތިމާއީ ގޮތުން ދެން ދިމާވާ މައްސަލަތައް ހައްލުކުރެވިގެން ދާނެ ކަމަށް ދެކޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ. އެކަން ހައްލުކުރުވުން އިޖުތިމާއީ އަދާލަތާ ގުޅޭ ކަންކަމާ، އިގްތިސާދީ ކަންކަމާ، ޒުވާނުންނާއި، މަސްތުވާ ތަކެއްޗާއި އަދިވެސް ބޮޑެތި ހުރިހާ ކަންކަމެއް ރަނގަޅު ކުރެވިގެންދާނެ."
ގެދޮރުވެރިކަމަކީ ގާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވާ، ކޮންމެ ރައްޔިތަކަށް ލިބިދޭންޖެހޭ ހައްގެއް ކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރާއިރު 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް ކަންކަން ރާއްވަވާނެ ކަމަށެވެ.
"އެކަމަށް (ގެދޮރުވެރިކަމަށް) އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދޭނެ ކަމަށާއި އަދި ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ބޭންކް ލޯނު ސްކީމެއް އަލަށް ތަޢާރަފުކުރުމަށާއި މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ވެސް މުއިއްޒު މިރޭ ވައުދު ވިއެވެ.







ޚިޔާލު (1)
އެހެންވެތާ އަނބި މީހާއާއި ދަރިންނަށް. މިފަހަރު ގޯތިނެގީ. މުއިޒުއަށް ބާކީވެގެންތާ އެހެން މީހަކަށް އެއްޗެއް ދެވޭނީ.