ރާއްޖޭގެ ސަލާމަތީ ބާރުގެ ފަރާތްތަކުން ކުއްލި ގޮތަކަށް ނިޔާވަމުންދާތީ، އެކަމަށް ހާއްސަކޮށްގެން ފުރިހަމަ ތަހުގީގެއް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ގޮވާލައިފިއެވެ. ގާސިމް މި ކަމަށް ގޮވާލާފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ށ. އަޔޮޅުގެ ރަށްތަކުގެ ތެރެއިން އެ އަތޮޅު ނޫމަރާއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރޭ ފަތިހު ނިޔާވި އިންސްޕެކްޓަރ އޮފް ޕޮލިސް، އަހުމަދު މޫސާއަށް ތައުޒިޔާ ކިޔާ ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ ޒުވާން އޮފިސަރުން ކުއްލިގޮތަކަށް ނިޔާވަމުންދާ ޚަބަރު މި ދެތިން ދުވަހަކު އަޑުއަހަނީ ނުހަނު ކަންބޮޑުވުމާއި، ހައިރާންކަމާއި އަދި ނުހަނު ހިތާމައާއި އެކުގަމަށެވެ.

"މީގެ 1 ދުވަސް ކުރީން ސިފައިންގެ މެޑިކޯގައި މަސައްކަތްކުރާ ނުހަނު ޚިދުމަތްތެރި ޒުވާނަކު ކުއްލިއަކަށް ނިޔާވި ޚަބަރު ލިބުނުތާ 24 ގަޑިއިރު ނުވަނީސް، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަމުންދިޔަ ފުލުހުންގެ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މޫސާ، ހއ. ހޯރަފުށި / ނިކޯޝިއާ ރޭގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. ޒުވާން އޮފިސަރުން ކުއްލިގޮތަކަށް ނިޔާވަމުންދާ ޚަބަރު މި ދެތިން ދުވަހަކު މި އަހަނީ ނުހަނު ކަންބޮޑުވުމާއި، ހައިރާންކަމާއި އަދި ނުހަނު ހިތާމައާއި އެކުގަައި."

ގާސިމް އެ އިޝާރާތް ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ނޯތު ހާބަރުގައި ހުއްޓާ ކުއްލިއަކަށް ހޭނިތެގެން ވެއްޓުނު އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު އަހުމަދު ދީދީ އާއި ރޭ ފަތިހު ނިޔާވި އިންސްޕެކްޓާ އޮފް ޕޮލިސް، އަހުމަދު މޫސާގެ މަރަށެވެ. އެ ދެ މީހުން ނިޔާވި އިރު އުމުރު އުޅެނީ 50 އަހަރާ ކައިރީގައެވެ. މިކަންކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، މިފަދަ ކުއްލި މަރުތައް ގިނަވުމުގެ ފަހަތުގައި ކޮންމެވެސް ކަހަލަ ކަންތައްތަކެއް ވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިއީ އަލުގަނޑު ގަބޫލު ކުރާ ގޮތުގައި ކޮންމެވެސް ކަހަލަ ކަންތައްތަކެއް އޮތީ [މިކަމުގެ ފަހަތުގައި]. މިކަމާ ބެހޭ ގޮތުން ދައުލަތުގެ މުއައްސަސާތަކުން ވަރަށް ސާފުކޮށް އެތެރެއާއި ބޭރު ފެންނާނެ ގޮތަށް އިންވެސްޓިގޭޝަނެއް ހިންގާ އެބަ ބަލަން ޖެހެ. މިކަމުގެ ހަބަރުތައް އެބަ އަންގައި ދޭން ޖެހޭ. މި ކީއްތޯ ވަނީ. ނުލާހިކު އާލާސްކަންފުޅެއް އަލާމާތެއް ވެސް ނެތް މީހަކު ޓަސްލާފަ އެ ދަނީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޮންމެ އިންސާނަކުވެސް ދުނިޔެއާ ވަކިވާނެ ކަން އޭނާއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ކުއްލިއަކަށް މީހުން ނިޔާވަމުންދާތީ އެކަން ބަލަން ޖެހޭ ކަމަށެވެ.