ލޯފަން މީހުން އަމިއްލައަށް ވޯޓުލުމަށް ތަމްރީންކުރުމުގެ ޕްރޮގްރާމް މާދަމާ ފަށްޓަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އީސީއިން މިހެން ވިދާޅުވެފައި މިވަނީ، ޕީއެސްއެމްއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމްގައެވެ.
އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ތަމްރީންތައް އަތޮޅުތަކުގައާއި މާލޭގައި ފެށުމަށް ބޭނުންވާ މީހުން މިހާރު ތަމްރީންކޮށްފައިވާކަމަށާއި، އަދި މިޓީމްތައް އަތޮޅުތަކަށް ފޮނުވާ، 3 ސަރަޙައްދެއްގައި މާދަމާ ތަމްރީންތައް ފަށްޓަވާނެކަމަށެވެ.
އެގޮތުން، އެ ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ސަރަހައްދުތަކަކީ، ހދ، އދ އަދި ގދ އަތޮޅެވެ.އެއީ ތަފާސްހިސާބަށް ބަލާއިރު ލޯފަން މީހުން އެންމެ ގިނަކަމަށް ބެލެވޭ ސަރަޙައްދުތައްކަމަށް ވެސް ހަބީބް ވިދާޅުވިއެވެ. އަދި އެ ތަމްރީން ސެޝަންތަކުގައި، ވޯޓު ކަރުދާސް އޮންނާނެ ގޮތް ޢަމަލީ ގޮތުން ތަޖުރިބާކުރުމުގެ ފުރުޞަތު ދީ، ވޯޓު ލުމަށް އެފަދަ މީހުން ހޭލުންތެރިކުރާނެ ކަމަށްވެސް އޭނާ ވިދާޅު ވިއެވެ.
ހަބީބް ވިދާޅުވި ގޮތުގައި، އެކަމަށް ޓްރެއިންކުރި މީހުންގެ މެދުގައި، އޭގެ އަމަލީ ތަޖުރިބާ ހިންގިއިރު، 5-10 މިނެޓުގެ ވަގުތެއް އެކަކު ވޯޓުލާން ހޭދަވި، ނަމަވެސް ތަމްރީން ތަކާއެކު، މި ވަގުތު ކުޑަކުރުމަކީ ވަރަށް ބޮޑު ޢަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.
ވޯޓު ކަރުދާހުގައި ލޯފަން މީހުން ބޭނުންކުރާނީ، އެމްބޯސް ނުވަތަ ކަރުދާހުގައި އުފުލިފައި ހުންނަ ގޮތަށް ހުންނަ ކުދި ބޮޅުތަކެކެވެ. ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރުގެ އަދަދު މި ޓެމްޕްލޭޓުން ދެނެގަނެވޭނެއެވެ. މި ޓެމްޕްލޭޓް ހުރިހާ ވޯޓު ކަރުދާސްކޮޅެއްގައިވެސް ހުންނާނެއެވެ. ލޯފަން މީހުންނަށް ޚާއްސަ ވަކި ވޯޓު ކަރުދާހެއް ބޭނުމެއް ނުކުރާނެއެވެ.
ލޯފަން މީހުން ތަމްރީންކޮށް މަޢުލޫމާތު ދިނުމަށް، ކައުންސިލްތަކާއި އަދި މީޑިއާގައިވެސް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމަވާފައެވެ.
އިލެކްޝަންސް ކޮމިޝަނުންވަނީ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމްވެސް މިހާރު ފަށްޓަވާފައެވެ. އެގޮތުން އަތޮޅުތަކާއި މާލޭގައިވެސް މިޕްރޮގްރާމް ވަނީ ފަށްޓަވާފައެވެ. މި އިންތިޚާބުގައި 5600އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެއެވެ.
ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރެއްވުމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ވަނީ އިސްލާޙު ގެނެސްފައެވެ. ޤާނޫނަށް ގެނެވުނު މި އިޞްލާޙާއިއެކު ފެނުމުން މަޙްރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ވޯޓު ކަރުދާހުގައި ޚާއްސަ ޓެމްޕްލޭޓެއް ވަނީ ހިމަނާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.