ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ހުޅުވާލައްވައިފިއެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރުމަހުގެ 22ވަނަ ދުވަހުއެވެ. މި އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މިއީ، ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. މިފަހަރުގެ އެވޯޑަށް 14 ދާއިރާއަކުން ކުރިމަތިލުމަށް ވަނީ ހުޅުވާލައްވާފައެވެ. އޭގެތެރޭގައި އިޤްތިޞާދު، ފަންނުވެރިކަން، ދަރުމަވެރިން، ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތްކުރުން، ތިމާވެށި، ބަސް ދިރުވާ އާލާކުރުން، ކުޅިވަރު އަދި މަސްވެރިކަމާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ދާއިރާތައް ހިމެނެއެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ އިނާމަށް ނަން ހުށައެޅުމަށް ޝަރުތުހަމަވާ މީހުން، އަންނަ މަހުގެ 26ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. ފޯމު އޮންލައިންކޮށް އަދި ސޯޝަލް ސެންޓަރަށްވެސް ހުށައެޅޭނެއެވެ. ފޯމު ބަލައިގަންނާނީ ބަންދު ނޫން ދުވަސްތަކުގައި، ހެނދުނު 08:30އިން، މެންދުރު 01:30އަށެވެ. މީގެއިތުރުން ކުޅިވަރުގެ ދާއިރާގައި ބައިނަލްއަޤްވާމީގޮތުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހޯދާފައިވާ މީހުންނަށް ދޭ އެވޯޑާއި، "ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ" ދޭނެއެވެ. އިނާމަށް ހުށައެޅޭ ކެޓަގަރީތަކާއި، އަދި ޝަރުތުތަކާއި ގުޅޭ މަޢުލޫމާތުތައް މިނިސްޓްރީން ވަނީ ގެޒެޓްކުރައްވާފައެވެ.