އައްޑޫ ސިޓީގެ ކުރިމަގާއި ތަރައްގީއަށް އެންމެ ރަނގަޅު ތަސައްވަރެއް ގެންގުޅެނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ އެ ދަތުރުގެ ތެރެއިން އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
އަދި ހިތަދޫގައި ބޮޑު ޖަލްސާއެއް ބާއްވައި، އެހެން ރަށްތަކުގައި ވެސް ކޮންމެ ރަށަކަށްވެސް ޒިޔާރާތްކޮށް، ރައްޔިތުންނާ ބައްދަލުކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގެ ތެރެގައި ރައްޔިތުންނާ މަޝްވަރާކޮށް، އިދިކޮޅުގެ ސިޔާސަތުތައް ހިއްސާކުރައްވާނެ ކަމަށެވެ.
"އައްޑޫ ސީޓީގެ ކުރުމަގަށްޓަކައި ރަނގަޅު ތަސައްވަރެއް ގެންގުޅެނީ ޕީޕީއެމް/ޕީއެންސީން. އެހެންވީމަ އިރާދަކުރެއްވިއްޔާ އައްޑޫ ސިޓީގެ ކުރިއެރުމަށް އަޅުގަނޑުމެންނާއެކު ވަޑައިގަތުމަކީ ރައްޔިތުންވެސް އެއްބާރުލުން ދެއްވާނެ ކަމެއް."
މުއިއްޒު އައްޑޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންވަނީ ހޫނު މަރުހަބާއެއްވެސް ކިޔާފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު މިއަދު ހަވީރު އައްޑޫއަށް ވަޑައިގެންނެވި އިރު ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އިސްތިގުބާލުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދަށް އެއްވެފަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.