އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު، ރައްޔިތުންނަަށް ފައިސާއާއި ވަޒީފާތައް ދީގެން ކާމިޔާބު ކުރާ ބަޔަކަށް، ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް އަދާނުކުރެވޭނެ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވެފައި މިވަނީ އެބޭފުޅާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅުޖ ދައްކަވަމުން ފާރިސްވަނީ، ފައިސާ އާއި ވަޒީފާ ދީގެން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާ ކެންޑިޑޭޓުން ހުއްޓުވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ވަކި ގޮތަކަށް ރައްޔިތުންގެ ވޯޓް ބައްޓަން ކުރުމުގެ ބޭނުމުގައި، ރައްޔިތުން ސިޔާސީ ފިކުރަކަށް ގެނައުމުގެ ބޭނުމުގައި ވަޒީފާގެ ފުރުސަތުތައް ބޭނުން ކޮށްގެން ވަޒީފާތައް ރައްޔިތުންނަށް ދޭން ހުށައަޅައި، ވަޒީފާގެ ބިރު ދެއްކުން ފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
"އަޅުގަނޑު ކުށްވެރިއެއް ނުކުރަން އާންމު ރައްޔިތުންނެއް، ކުށްވެރި ކުރަނީ ފައިސާ ހިފައިގެން އާންމު ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާ ބޭފުޅުން. ވަޒީފާއަކީ މިހެން ދޭން ޖެހޭ އެއްޗެއް ނޫން، ވަޒީފާއަކީ އެމީހަކަށް ހައްގު ވަޒީފާއެއް އަދާ ކުރުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް އޮންނަން ޖެހޭ އެއްޗެއް" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެންޕެއިން ހަރަކާތްތަކުގެ ނަމުގައި މި ސަރުކާރުންނާއި ކުރީގެ ސަރުކާރުތަކުންވެސް ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުން ކޮށްގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާ ކަމަށެވެ. މިފަދަ އަމަލުތައް ހުއްޓުވުމަށް ރައްޔިތުންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށާއި، އަދި ރައްޔިތުން މިފަދަ ކަންކަމުން އަރައިގަންނަން ބޭނުުންވާނަމަ، އެ ބޭފުޅުން އެ ހުންނެވީ ރައްޔިތުންނަށް އެ ބޭނުންވާ ހެޔޮ ބަދަލު އަދި ގައުމަށް ބޭނުންވާ ތަރައްގީ ގެނައުމަށް ތައްޔާރަށް ކަމަށްވެސް އެ ބައްދަލުވުމުގައި ފާރިސް ވިދާޅުވިއެވެ.







ޚިޔާލު (1)
30 އަހަރު ކަންހިގާދިޔަގޮތް ހަދާންވޭތޯ .މަޑުއަތްޕުޅު ގެ 30 އަހަރުވެރިކަމެއްނިމިދިޔައީ ތިހުރިހާކަމެއް ގެ ތެރެއިން .