އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ތާއީދުކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމާއި، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަނާރާ ނައީމް ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާ ޑރ. އަނާރާ ނައީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހީންނަށް ފަހި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާ، އިސްލާމްދީނުގެ އުޞޫލުތަކުގައި ހިފަހައްޓައި، އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ދެއްވުމަށް ޑރ. މުއިއްޒު ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި އެގޮތުގެ މަތީން ޑރ. މުއިއްޒުއަށް ތާއީދުކުރެއްވުމަށް ނިންމެވީ ކަމަށްވެސް އެ ޓުވީޓުގައި ބުނެފައި ވެއެވެ. ޑރ. ޝަހީމް މުއިއްޒުއަށް ތާއީދުކުރައްވާ ކަން ހާމަކޮށްފައިވަނީވެސް ޓުވިޓާ މެދުވެރިކޮށެވެ. އެގޮތުން އެ ބޭފުޅާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މި އަހަރުގެ އިންތިހާބުގައި އެކުވެރި މުއިއްޒަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށާއި އަދި އެކަމުގެ ތަފްސީލް ފަހުން ދެއްވާނެ ކަމަށްވެސް ޝަހީމް ޓުވީޓުގައި ބުނެފައިވެއެވެ. ޑރ. ޝަހީމްއަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ރައީސް އަބްދުﷲ ޔާމިންގެ ރަނިންމޭޓްއެވެ.

ޝަހީމް، މުއިއްޒަަށް ތާއިދުކުރައްވަން ނިންމެވިއިރު، އޭނާ ސަރުކާރާ ގުޅިވަޑައިގަންނަވަނީ ކަމަށް ޕީޕީއެމްގެ މެންބަރުން ތުހުމަތުވެސް ކޮށްފައިވެއެވެ. އެގޮތުން ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގްރޫޕުގައި މެންބަރުން ޝަހީމް އާ އެ ސުވާލު ކުރުމުން އޭނާ ހިތްހަމަނުޖެހުން ވެސް ފާޅުކުރެއްވި އެވެ.

"ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ 20 އަހަރުގެ ތެރެއިން 2013-2023 ދިހަ އަހަރު ޕީޕީއެމް އަށް ކުރި ހިދުމަތަށް ތިޔަ ދެއްވި އިނާމަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.