ރައީސް ިއބްރާހިމް މުހައްމަދު ޞޯލިހް ބައިވެރިވެ ވަޑައިގަންނަވާކަމަށް ދެންނެވި، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއިން ރިޔާސީ އިންތިޚާބަށް އިންތިޒާމްކޮށްގެން ބާއްވާ "ރިޔާސީ ބަހުސް" ވަކިން ބޭއްވުމުގެ ބަދަލުގައި ސަންގު ޓީވީއާއި ގުޅިގެން ބަހުސް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ޕީ.އެސް.އެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އިންތިޚާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ މި ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތްކަމަށެވެ.

އަދި އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވުމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭކަމަށާއި، އެހެންކަމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ފެންނާތީ، މިހާރުވެސް ބަހުސެއް ރާވާފައިވާ ފަރާތަކާގުޅިގެން ބަހުސް ކުރިއަށްގެންދިއުމަށް ގަސްތުކުރާކަމަށް ޕީ.އެސް.އެމްގެ އެ ބަޔާނުގައިވެއެވެ.

އެހެންކަމުން، ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީ.އެސް.އެމްއިން ޕާޓްނަރވެގެން ކުރިއަށްގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަމަށް ޕީ.އެސް.އެމްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕީ.އެސް.އެމްއިން "ރިޔާސީ ބަހުސް" ބޭއްވުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަކީ އަންނަމަހުގެ 1 ވާ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ.