ރައްޔިތުންނަށް ފައިދާކުރުވަނިވި ކަންތައްތަކެއް ކުރިއަށް ގެންދެވޭނީ ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަންގެ ސަރުކާރެއް އައިސްގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ކެމްޕެއިންގެ ތެރެއިން، ރޭ ދ. ދުވާފަރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޤައުމު އޮތް ހާލަތާއި، ކުރިއައް ދާންވީ ގޮތާއި، އޮތް ހާލަތު އެންމެ ރަނގަޅަށް އެގިވަޑައިގެން ތިބީ ރައްޔިތުން ކަމަށެވެ. އެގޮތުން ރައްޔިތުން ތަޖުރިބާތަކެއް ކޮށްފި ކަމަށާއި، މަލްޓިޕާޓީއެއް އުފަންވިފަހުން ފަހުން ތިން ވަނަ ނުވަތަ ހަތަރު ވަނަ ސަރުކަރެއް އުފެދުނުއިރު، މި ހަތަރު ސަރުކަރު ރައްޔިތުން މިނެކިރާލުމުން ރައްޔިތުންނަށް އެނގި ހާމަވެގެން ދިޔައީ ޕީޕީއެމް/ޕީއެންސީ ސަރުކާރެއް އައިސްގެން މެނުވީ ރައްޔިތުންނަށް އަދި ޤައުމަށް ފައިދާހުރި ކަމެއް ނުވާނެ ކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒަކީ ކުޑަކުޑަ ޕާޓީއަކުން ނިކުމެ ވަޑައިގެން ހުންނެވި ކެނޑިޑޭޓެއް ކަމަށް ބައެއް ބޭފުޅުން މުޢިއްޒުގެ އަގު ވައްޓާލަން ވިދާޅުވި ނަމަވެސް ޑރ.މުޢިއްޒު ނިކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށާއި އަދި އޭގެ އިތުރުން މި ޤަޢުމުގައި ތާއީދު އޮތީވެސް ރައީސް ޔާމީނަށް ކަމަށް ޕީއެންސީގެ ރައީސް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އަޅުގަނޑުމެންގެ ކެނޑިޑޭޓްގެ އަގު ވައްޓާލުމައްޓަކައި އެއީ ކުޑަކުޑަ ޕާޓީއަކުން ނިކުމެ ހުންނެވި ބޭފުޅެކޭ. އަޅުގަނޑު މިރޭ އެބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ކުޑަ ޕާޓީއެއް ބޮޑު ޕާޓިއެއް ނޫނޭ ޑރ. މުޢިއްޒު ނިކުމެ ވަޑައިގެން ހުންނެވީ ރައީސް ޔާމީންގެ ކެނޑިޑޭޓެއްގެ ގޮތުގައޭ. މި ޤަޢުމުގައި ތާއީދު އޮތި ރައީސް ޔާމީންއަށޭ،"

މީގެ އިތުރުން އޭނާ ވިދާޅުވީ، ޑރ.މުޢިއްޒު ނިކުމެވަޑައިގެން ހުންނެވީ އެއްވެސް ކެނޑިޑޭޓަކާއި ވާދަކުރައްވަން ނޫންކަމަށާއި އަދި ޑރ. މުޢިއްޒުގެ ވާހަކަފުޅެއްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން އެއްވެސް ކެނޑިޑޭޓަކަށް ރައްދު ނުދެއްވާނެ ކަމަށެވެ.