ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓްއެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ނިންމައި، ޚިދުމަތް ދިނުމަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް، އެ އެއާޕޯޓް ހިންގުމާއި ހަވާލުވެފައިވާ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފިއެވެ.

އެ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް، ހިންގުމަށްޓަކައި ދިވެހި ސަރުކާރާއި، ވިލާ އެއަރ ޕްރައިވެޓްއާއި ދެމެދު، ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، ވިލާ އެއަރއިން އެއާޕޯޓް ހިންގަމުން ދަނިކޮށް އެ އެއްބަސްވުން ބާޠިލްކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ދިވެހިރާއްޖޭގެ ސްޕުރީމްކޯޓުން ޙުކުމް ކުރުމާ ގުޅިގެން، އެއްބަސްވުން އިއާދަކޮށް 01 މާރޗް 2022 އިން ފެށިގެން އެކުންފުނިން ވަނީ އެ އެއަރޕޯޓާ އަލުން ހަވާލުވެފައި ކަމަށެވެ.

އަދި އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތައްވުރެ އަވަހަަށް ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓްއެއްގެ ގޮތުގައި ތަރައްގީކޮށް ނިންމައި، ޚިދުމަތައް ހުޅުވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރަށް އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓްއެއްގެ ގޮތުގައި ހެދުމަށްޓަކައި، ކުރި ސާރވޭ ތަކާއި ކުރެހުންތައް ނިންމައި،، އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް އެކަމަށް ކުޅަދާނަ ބައިނަލްއަޤްވާމީ ތަޖުރިބާކާރު ކުންފުންޏަކާއި އެކު މިހާރު އެމްއެމްއޯޔޫގައި ސޮއިކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ވިލާ ގްރޫޕްސްއިން މިހެން ހާމަކޮށްފައިވާއިރު، ޕީއެންސީގެ ސަރުކާރެއް އައިސްފިނަމަ، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓްއަކަށް ހައްދަވާނެ ކަމަށް، އެ  ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.