އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ިއންތިހާބުން، ކާމިޔާބު ވެއްޖެނަމަ، ވިލާއަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ކާޑެއްދޫ އެއާޕޯޓް ދައުލަތުގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީއިން ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ދުނިޔޭގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު އިގްތިސާދު ބާރުވެރި ކުރުވޭނެ އެއް ގޮތަކީ ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކޮށްގެން ކަމަށެވެ. އެގޮތުން، ކާޑެއްދޫ އެއާޕޯޓްގެ ހާލަތު ވަރަށް ދަށް ކަމަށާއި، އެ އެއާޕޯޓް އޮތީ މީގެ 25 އަހަރު ކުރިންވެސް އޮތް ހާލުގައި ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
" އެ އެއާޕޯޓުގެ އަށިމައްޗަށް ލަގެޖު އެއްލާލާ ތަނާއި ގާޑިއަލަކަށް ލައިގެން ދަމާތަނާއި ނުކުންނަ ގޮތަށް ފާހަނައެއް ނެތިފައި ހުންނަން ޖެހޭ. އެ ހާލަތު ބަދަލު ކުރުމަށް ކާޑެއްދޫ އެއާޕޯޓު އަމިއްލަ މީހެއްގެ އަތުގައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ. އަޅުގަނޑުގެ ސަރުކާރެއްގައި އެކަން ކުރާނަން. ނާޒިމް ވިދާޅުވިއެވެ.
ހަމައެކަނި އެއާޕޯޓެއް އޮތުމަކުން ރަށެއް ތަރައްގީއެއް ނުވާނެ ކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކާޑެއްދޫ އެއާޕޯޓް ސަރުކާރުގެ ދަށަށް ގެނެސް އެތަން އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރައްވާނެ ކަމަށާއި، އަދި އެ އެއާޕޯޓް ތަރައްގީނުކޮށް އަމިއްލަ ވިޔަފާރިއެއްގެ ދަށުވެގެން ސަރުކާރެއް ނުހިންގޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ވެރިކަމަށް އަންނަން ޖެހޭނީ ކަންކަން ކުރަން ކުރަން އެނގިގެން އެ ކަންތައްތައް ކުރުމަށެވެ. އެހެންކަމުން ކާޑެއްދޫ އެއާޕޯޓް ވިލާގެ ދަށުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލްކުރައްވާ ކަމަށް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.