ސަރުކާރުން ސިޔާސަތުތައް ތަންފީޒުކުރި ނަމަވެސް މަސްވެރިންގެ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދަައިދީފައި ނުވާކަމަށް މަސްވެރިންބުނަން ފަށައިފި އެވެ. ދިވެހި މަސްވެރިންނަށް ހަމަ އަގު ނުލިބުމުގެ މައްސަލައާ ގުޅިގެން މަސްވެރިން ދިޔައީ ތާއަބަދު ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް ސަރުކާރުން އެކަމަށް ދިނީ ބީރު ކަންފަތެއް ކަމުގައި މަސްވެރިން ދިޔައީ ބުނަމުންނެވެ. މަސްވެރިންނަށް ހަމަ އަގު ނުލިބޭ އެއް ސަބަބަކީ ބޮޑު އަގު ދޭ މާކެޓުތަކަށް ދިވެހީންނަށް އެކްސެސް ނެތުމުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ދިވެހި މަހަށް އެ މާކެޓުތަކުން ނިސްބަތުން ބޮޑު ޑިއުޓީއެއް ނެގުމަކީވެސް ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް މިހުރިހާ ކަންކަމަށް ހައްލު މި ފަސް އަހަރު ވޭތުވެގެން ދިޔައިރު ނުގެނެވިފަނީ މަސްވެރިންނާއި މެދު ސަރުކާރުން ސަމާލުކަންދޭ މިންވަރު ހާމާވާ ކަމެެއް ކަމުގައި ގިނަ މަސްވެރިން ދެކެއެވެ. މަސްވެރިންގެ ހުރި ކަންބޮޑުވުންތަށް ދެނެގަތުމަށް " ހުވަދޫ މީޑިއާ " އިން ކުރި މަސައްކަތުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މި ސަރުކާރުން މަސްވެރި އާއިލާއަށް ނުވަތަ މަސްވެރި ދާއިރާއަކަށް އެއްވެސް އަޅާލުމެއް ދެއްވާފައި ނުވާކަމެވެ. ކޮންމެ މަސްވެރި ސީޒަނަކާއެކު މަހުގެ އަގު ކޮންޓްރޯލް ނުކުރެވި ބާނާ މަސްކޮޅުވެސް މަސްވެރިންނަށް ކިރާނުލެވޭ ތަޖުރިބާ ކުރަން ނުޖެހޭ ސީޒަނެއް މި ފަހުގެ ތާރީޚެއްގައި ނާންނަ ކަމަށް މަސްވެރިން ދެކެއެވެ.

މަސްގަންނަ ކުންފުނިތަކުގެ ކެޕޭސިޓީ ނެތްކަމުގައި ވާނަމަ އެހެން ގައުމުތަކުގެ ބޯޓުތަކަށް މަސްވިއްކޭނެ މަގު ފަހިކޮށް އެ މާކެޓް ހޯދައިދިނުން މީ މަސްވެރިންނަށް މިވަގުތަށް އެންމެ ބޭނުންތެރި އެއް ކަންތަކެވެ.
" ރާއްޖޭގެ އިކޮނޮމީ ފުޅާކުރުމަށް މަސްވެރިކަން ކުރިއެރުވުން މީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހަނދާންނެތިފައި ހުންނެވި ޒިންމާއެއްތޯ "
ޕާޓީގެ ކަންކަމުގައި މާ ބޮޑަށް ބިޒީވެގެން އޯވާލޯޑްވެގެން މަސްވެރިކަމުގެ ޓްރޭޑް ކަންކަމާ ނޫޅެވެނީތޯ މީވެސް މަސްވެރިއެއްގެ ކަންބޮޑުވުމެކެވެ.
" މަސްވެރިކަމުގެ ސީޒަނަށް ސަރުކާރުން ތައްޔާރުވީތަނެެއް އެއްވެސް އިރެއްގައި ފެންނާކަށް ނެތް. އަބަދުވެސް އިވެނީ ކޮންމެސް ގައުމަކަށް ސަރުކާރުގެ ވަފުދެއް ގޮސް މަސްވަރާތަކެއް ކުރީމޭ ބުނާ އަޑު. މިލިޔަނުން ހަރަދުކޮށް ދަތުރުތައް ކުރުންނޫން ކަމެއް ނުވޭ. އެހެންކަމެއް ނުކުރެވުނަސް ދުނިޔޭގެ ގައުމުތަކުގެ މެދުގައި މަސް މާކެޓްކޮށް ގަނެ ވިއްްކޭނެ އޯޕަން މާކެޓެއް މަސްވެރިންނަށް ހޯދައި ދޭންވީނޫންތޯ" - ހުވަދޫ މަސްވެރިއެއް -
ޓުއަރިޒަމް މާކެޓް ކުރާ ބީދައިން މަސްވެރިކަންވެސް މާކެޓްކޮށް ދުނިޔޭގެ ސަމާލުކަން ނުހޯދެންވީ ސަބަބެއް ނެތެވެ. މަސްވެރިކަމުގެ ޓްރޭޑް ކަންކަމާ މާބޮޑައްމެ ފަރުވާ ކުޑައީއެވެ. ގާނޫނީ ވަކީލަކަށް އިކޮނޮމީ ހިންގަން ހަވާލު ކުރީމައި މަސްވެރިކަން ފުންޑި ނިމިދާ މަންޒަރު ނޫންތަނެއް ނުފެނެއެވެ. މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ 2018 ވަނަ އަހަރު ނިމުނު އިރު ފިނިކުރި މަަސްކިލޯއަކަށް 18 ރުފިޔާ ދެމުން ދަނިކޮށް އެދަދު 16 އަށް ވައްޓާލުމެވެ. އަދި ހަމައެއާއެކު ތެލުގެ އަގު 14 ރުފިޔާއިން 17 ރުފިޔާއަށް ބަދަލުވުމެވެ. މިކަމާއި ގުޅިގެން ދިވެހިރާއްޖެއަށް ތެޔޮ އެތެރެކޮށް ވިއްކާ މައި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މަހުގެ އަގު ކުއްލިއަކަށް 20 ރުފިޔާއިން 16 ރުފިޔާއަށް ބަދަލުކޮށްލުމުން ވަރަށް ބޮޑަށް މަސްވެރިންނަށް ލިބެމުންދިޔަ އާމްދަނީ ވެއްޓިގެން ދިޔަ އޭރު ތެލުގެ އަގުހުރީ 16 ރުފިޔާއަށް ކަމަށާއި މިހެންވުމުން މަސްވެރިކަމުން ލިބެމުންދިޔަ އާމްދަނީން ދެކޮޅު ނުޖެހޭކަމަށެވެ. އަމުރު ވިދާޅުވީ ސަރުކާރުން މަހުގެ އަގު ބޮޑުނުކުރީ ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް ކަމަށާއި އެއީ މީހުން ނިކަމެތި ވީމަ މަސައްކަތް ކުރުމަށް ސަރުކާރަށް ފަސޭހަވާނެތީ ކަމަށެވެ. މަހުގެ އަގު ބޮޑު ކުރެވެން އެބައޮތް ކަމަށާއި ނަމަވެސް އެ މަސައްކަތް ނުކުރަނީ ރައްޔިތުން ނިކަމެތި ހާލުގައި ބައިތިއްބުވަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖެހިޖެހިގެން 4 ވަރަކަށް ދުވަހު މަސްބާނައިފިއްޔާ އަނެއް 3 ދުވަސް ހޭދަކުރަންމިޖެހެނީ އެމަސްކޮޅު ނުކިރި ރައްކާނުކުރެވިގެން" މަސްވެރިއެއް
ސަރުކާރަށް ފަސްއަހަރު ވޭތުވެގެން ދިޔައިރު މިކަންކަން ހައްލުނުވެ އިތުރަށް މަތިމައްޗަށް ވައުދު ވުމަކީ މަސްވެރިން އެދޭ ގޮތެއް ނޫނެވެ. އަދި އެކަމަށް މަސްވެރިން ރުހި ގަބޫލެއްވެސް ނޫނެވެ. މިމައްސަލަތައް މިހެންދިމާވުމާއި ގުޅިގެން ސަރުކާރުން ދިޔައީ މިފްކޯގެ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކުންފުނީގެ ކާރުޙާނާތައް އަޕްގްރޭޑުކުރުމުގެ ބިޔަ މަޝްރޫޢެއްވެސް މިހާރުދަނީ ކުރިއަށް ކަމަށެވެ. އެގޮތުން ފެލިވަރާއި، ކޫއްޑޫ އަދި އައްޑޫ މަސް ކާރުޙާނާ އަޕްގްރޭޑުކޮށް ނިމުމުން އެކުންފުންޏަށް ދިމާވެފައިވާ މަސް ކިރުވުމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ. ހުވަދު އަތޮޅުގައި 100 ގާތްކުރާ އަދަދަކަށް މަސްދޯނި ދުއްވަމުންދާއިރު، ވަރަށްބޮޑު އަގުލަބިއްޔަތު ދޯނިތަކުގެ ކެޔޮޅުންނާއި ދޯނިވެރިންބުނަމުން ދަނީ މިސަރުކާރުން މަސްވެރިންނަށް ބޮޑު އިހުމާލެއްވެފައިވާ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.