އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ގަތުމަށް ހުށަހަޅާ ފައިސާއަށް ވުރެ ގައުމު އިސްކުރުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސްކޮށްފިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް މިއަދު ހަވީރު، ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ވޯޓު ގަތުމަށް ހުށަހަޅާނެ ކަމަށެވެ.
"ފަހު ވަގުތުކޮޅުގައި ލިބޭ ފައިސާކޮޅުގައި ހިފައިގެން ނުވަތަ އެހެން މާއްދީ އެހީގައި ހިފައިގެން އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންގެ އަތުން ދޫކޮށްލުމަކީ ދުވަހަކު އަޅުގަނޑުމެންގެ ދަރީން މައާފުކުރާނެ ކަމެއް ނޫން،" މާލޭގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރަށް އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ނެތް ކަމަށް ސަރުކާރުން ބުނަމުން ގެންދިޔަ ނަމަވެސް، ރާއްޖޭގައި މިހާރުވެސް އިންޑިއާގެ ސިފައިން ހަރަކާތްތެރިވަމުން ގެންދަވާ ކަމަށާއި، އެބޭފުޅާ އިންތިހާބަށް ނުކުންނެވީ އެފަދަ ކަންތައްތަކުން ރާއްޖެ ސަލާމަތްކޮށް، ގައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން ދިވެހިންނަކީ އެއްވެސް އަގެއް ބަޔަކަށް ހަދައިފައިވާ ކަމަށާއި، އޭގެ ބަދަލުގައި އެބޭފުޅާގެ ވެރިކަމެއްގައި އަބަދުވެސް އެންމެ ފުރަތަމަ އިސްކުރައްވާނީ، ދީނާއި ގައުމާއި ރައްޔިތުުން ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމަށް އިހުތިރާމްކުރާ ކޮންމެ ގައުމަކާއި އެކު ޚާރިޖީ ގުޅުން ބާއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރަން ހޮނިހިރު ދުވަހު ވީހާވެސް ހެނދުނާ ގޮސް ވޯޓު ލައި ނިންމުމަށް މުއިއްޒުވަނީ އިލްތިމާސްކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.