ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އޭނާގެ ރަނިންމޭޓު ހުސައިން އަމްރަށް ތާއީދުކުރައްވާ ހަމައެކަނި ސަބަބަކީ ރާއްޖޭގެ ދަރަނި ހައްލުކުރެވޭނީ އެ ބޭފުޅުންގެ ވެރިކަމެއްގައި ކަމަށް ވުމުން ކަމަށް އެ ޕާޓީގެ ބާނީ އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދަ ޑިމޮކްރެޓްސްއިން ސަލްޓަން ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދަރަނި ނުބެލެހެއްޓިއްޖެނަމަ ދިވެހީންގެ މުސްތަގުބަލު އޮތީ ވަރަށް ބަނަކޮށް ކަމަށާއި އަދި ދިވެހިންގެ މިނިވަންކަން ގެއްލިގެންދަނީ، ބޭރުގެ ސިފައިން ރާއްޖޭގައި ތިބެގެނެއް ނޫންކަމަށެވެ.
އޭގެ ބަދަލުގައި އެއީ ގައުމުގެ ދަރަނި ބޮޑުވެ އިންތިހާއަށް ދަރަނި މައްޗަށް ދިއުމުން ދިމާވާ ކަމެއް ކަމަށާއި އެކަމުގެ މިސާލެއްގެ ގޮތުގައި އިނގިރޭސީންގެ އިސްތިއުމާރުގެ ދަށަށް ރާއްޖެ ދިޔަ ސަަބަބުން ނަޝީދުވަނީ މިސާލު ނަންގަވާފައެވެ.
"ދަރަނީގެ ވާހަކަ ދައްކާ ހަމައެކަނި ކެންޑިޑޭޓަކީ އިލްޔާސް ލަބީބާއި އަމްރު. އަޅުގަނޑު އެ ދެ ބޭފުޅުންނަށް ތާއީދުކުރަނީ ހަމައެކަނި މި ސަބަބަށްޓަކައި، އަޅުގަނޑަށް އެނގޭ މިކަން ނުކޮށް ދިވެހިރާއްޖޭގައި ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެންގެ ހިތަށްވެސް ނުގެނެވޭ މިކަން ނުކޮށްފިނަމަ ރާއްޖޭގެ ދަރަންޏަށްވާ ގޮތް،" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރުގެ ފަހުން ދިވެހިން ތިން އިރު ކައިގެން އުޅެން ބޭނުންވަނީ ނަމަ އިލްޔާސަށާއި އަމްރަށް ވޯޓު ދޭން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.







ޚިޔާލު (1)
ކޮންމެ މީހަކު ވެރިކަން ކުރިޔަސް އަހަރެމެން ނަށް ލިބޭނެ އެއްޗެއް ނެތްކަން ޔަގީން. ކަލެޔަށް ވެރިކަންދީގެން އަހަރެމެން އުޅުނިން ވިއްކާލަން އިޅުނީ އަހަރެމެންގެ ދީން ތިމާގެ މީހުން އުޅނީ ކުޅިކުޅެން