މީލާދީ ސަނަތުން 1978 ވަނަ އަހަރު ދިވެހި ރާއްޖޭގެ ތަޚުތަށް ދިވެހިން އިންތިޚާބު ކުރި ވެރިޔަކީ 30 އަހަރު ވަންދެން ރާއްޖޭގެ ތަޚުތުގައި އާރާއި ބާރާއި އެކު ވެރިކަން ކުރެއްވި ރައީސް މައުމޫނު އަބްދުލް ޤައްޔޫމެވެ. ނަމަވެސް އެ ވެރިކަމުގެ ފަހު އަހަރު ތަކުގައި ރާއްޖޭގެ ރައްޔިތުންގެ ހިތުގައި އުފެދުން ބަދަލު ގެ ފިކުރު ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީ އިން ވަނީ އެ ވެރިކަން ނިމުމަކަށް ގެނެސް ރާއްޖޭގެ ސިޔާސީ މަސްރަޙް ބަދަލު ކޮށް ތަފާތު އެހެން ރާއްޖެއަކަށް މިސްރާބު ކޮށާފައެވެ. 2008 ގައި ވެރިކަމަށް ދިވެހިން ބޮޑު އަޤުލަބިއްޔަތަކުން ރެދަލި ކުރި ރައީސް މުހައްމަދު ނަޝީދު ގެ ވެރިކަމުގެ ދައުރު ކިތަންމެ ކުރު ވިޔަސް ވަނީ ބަސް ބުނުމުގެ މިނިވަންކަމާއި އެކު އެތައް ބަދަލެއް ގެނެސް ދީފައެވެ. މިއީ ތާރީޚުގައި ލިޔެވިފައިވާ ޙަޤީޤަތެވެ.
އެމްޑީޕީގެ ރަން 3 އަހަރުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ބަޣާވާތަކުން ކަމަށް ބުނެވެއެވެ. އެ ދައުރުގެ ބާކީ 2 އަހަރު ވެރިކަން ކުރެއްވީ ނައިބު ރައީސް ޑރ މުޙައްމަދު ވަޙީދު އެވެ. 2013 ގައި ރައީސް ވަޙީދު ރައްޔިތުންގެ ކައިރިޔަށް ވަޑައިގެންނެވުމުން ވެރިކަމުގެ ޝެހެންޝާހީ ބާރާއި އާރުގައި ގިނަ ބަޔަކު މަރުހަބާގެ ސަފުތައް ދެމި ނަމަވެސް ދިވެހިން އަނެއްކާވެސް ބޭނުންވީ "ބަދަލެއް" ކަން ސާބިތުވެ ޔަޤީން ވީ އިންތިޚާބު ގެ ނަތީޖާ އިންނެވެ. އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލް ގައްޔޫމެވެ. ރައީސް އާމީން ވެސް ވަނީ ދިވެހިން މީގެ ކުރިން ދުވަހަކުވެސް ދީފައިނުވާ ފަދަ އިނގިލާބީ ތަރައްޤީ އެއް ގެނެސް ދީފައެވެ. އޭގެ ފަހުގައި ދެން އައީ 2019 އެވެ. ރައީސް ޔާމީން ގެ ވެރިކަން ފުރޮޅާލީ ހަމަ ބަދަލަކަށެވެ. އިތުރު ބޮޑު ބަދަލެއް ގެނައުމުގެ އުންމީދުގައެވެ. އެ ވެރިކަމުގައި ފެނިގެން ދިޔައީ ދެން ދެން އާ ދައުރަކަށް އިންތިޚާބު ވެދާނެ މަންޒަރެކެވެ. ނަމަވެސް ކަންވީ މާޒީ ގެ ސަފުހާ ތަކުގައި އޮތް ގޮތަށެވެ. ރައްޔިތުން ބޭނުންވީ ހަމަ ބަދަލަކަށެވެ. އޭގެ 5 އަހަރު ފަހެވެ. އަނެއް އިންތިޚާބުވެ. 2023 އެވެ. މާދަމާ އަކީ ކޮންމެ އަހަރަކުން އެއްފަހަރާ ޤައުމުގެ ހާލަތު ބަދަލު ކުރުމަށް ލިބޭ ޤާނޫނީ ފުރުޞަތު ގައި ދިވެހިންގެ ނިންމުން ނިންމާ ދުވަހެވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމާއި އެ ސަރުކާރުގެ ވެރިންނަށް އިތުރު ދައުރެއް ދޭން ފެނޭތޯ ނުވަތަ ނޫންތޯ ލާ ފާހަގަ ލުމެވެ. އިތުރު ބަދަލަކަށް, އާ ވިސްނުމަކާ އާ ވެރިންނަށް ޤައުމު ހަވާލު ކުރާނީތޯ ނުވަތަ މިހާރުވެސް މިއޮތް ގޮތަށް މި ޙާލަތުގައި ބާއްވާނީ ތޯ ނިންމާ ސިއްކަ ލުމެވެ. މާޒީގެ ތަޖުރިބާ އަށް ރިޢާޔަތް ކުރާ އިރު އަދި މިއަދުގެ ޙާލަތުގައި ވެސް ފެންނަނީ އެއް ކަމެކެވެ. "ބަދަލު " އެވެ. "ރަނގަޅު ބަދަލު " އެވެ. ތިމާގެ ޤައުމަށް ތިމާގެ އަމިއްލަ ވިސްނުމުގެ ހެޔޮ ބަދަލުވެ. ގޮތް ނިންމާނީ ތިބާއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.