މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ގއ ވިލިނގިލީގައި ބަހައްޓާފައިހުރި ފޮށި ކައިރީގައި ހުރި މީހަކު, ވޯޓުލަނީ ކޮން ކެންޑިޑޭޓެކަށްތޯ ބަލި ވޯޓް ލުމުގައި ކެމެރާ ބޭނުން ކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ މިއަދު ކުރިޔަށް ދާ އިންތިޚާބު ގައި ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ ގައި ވޯޓުލުން ކުރިއަށް ދިޔަ އިރު މީހަކު ބޮޑީ ކެމެރާއެއް ގެންގުޅުނު މައްސަލައެއް ދިމާވި ކަމަށާއި އެމީހާގެ މައްސަލަ ބަލަމުން ދާ ކަމަށެވެ. ފުލުހުން ވިދާޅުވީ އެ އީ އެއްވެސް ޕާޓީއެއް ތަމްސީލު ކުރާ މީހެއް ނޫން ކަމަށާއި, އެ މައްސަލަ އާއި ގުޅިގެން ސުވާލު ކުރުމަށް ފަހު ފެންމަތިވި މައްސަލަ ޙައްލު ކުރެވިފައިވާ ކަމަށެވެ. އިތުރަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ކެމެރާ ބޭނުން ކޮށްގެން ވޯޓް ކަރުދާސް ފޮޓޯ ނުނަގާ ކަމަށެވެ.
ނަމަވެސް ގއ ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވާ ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީން ކުރި ކަމެއް ކަމުގައެވެ. އަދި އެންމެ ފުރަތަމަ މަސައްކަތް ކުރީ ވޯޓުލާން އަންނަ މީހާގެ ގައިގައި ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުލަނީ ކޮން ކެންޑިޑޭޓަކަށްތޯ ބެލުމަށް ކަމަށް ބުނެފައި ވެއެވެ.
އެކަމަކު ގައިގައި ކެމެރާ ހަރުކޮށްފައި ހުރިކަން އެތަނުގައި ތިބި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އޮބްޒާވަރުންނަށް ފާހަގަވެގެން އެކަން ހުއްޓުވީ އެވެ.
އޭގެ ފަހުން، މީހުން ވޯޓުލާ ކެންޑިޑޭޓު ބެލުމަށް އެ ފޮށި ކައިރީ ހުރި އެމްޑީޕީގެ މޮނީޓަރު ވަނީ ވޯޓު ކަރުދާސް ފެންނަ ގޮތަށް ޒޫމްކޮށްގެން ފޯޓޯ ނަގައި ހަދާފަ އެވެ. އީސީގެ އޮބްޒާވަރުންނާއި ފުލުހުން ވެގެން އެކަން މިހާރު ހުއްޓުވާފައިވީ ނަމަވެސް އެމްޑީޕީގެ އެ އޮބްޒާވަރު އަދިވެސް ހުރީ ވޯޓުލާ މަރުކަޒުގަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.