މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަކުން ފައިސާއެއް ނުބަހާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.
ވޯޓުލާ މަރުކަޒަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ، އެމްޑީޕީން ފައިސާ ބަހަމުންދާ ކަމަށްބުނެ ދައްކަމުން ގެންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެމްޑީޕީން އެފަދަ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ، މި 2023 ރިޔާސީ އިންތިހާބަކީ، ރާއްޖޭގައި ބޭއްވޭ އެންމެ ފުރިހަމަ އިންތިހާބު ކަމަށާއި، އެގޮތުން މިނިވަންކަމާއިއެކު، ކެމްޕެއިން ކުރެއްވުމަށް ހުރިހާ ކެންޑިޑޭޓުންނަށްވެސް ފުރުސަތު ލިބިގެން ދިޔަކަމަށެވެ.
މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 ގެ ނިޔަލަށް ވޯޓުލުމުގެ ހަރަކާތްކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާއިރު، ހުރިހާ ކެންޑިޑޭޓުންވެސް ވަނީ، މެންދުރުގެ ވަގުތުތަކުގައި ވޯޓު އަޅާފައެވެ.
ރާއްޖޭގައި މި އަހަރު ބާއްވާ އިންތިޚާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރާއިރު އޭގެ ތެރޭގައި ހިމެނެނީ ޕާޓީ ތަކުން ވާދަ ކުރާ 5 ބޭފުޅަކާއި އަމިއްލަ ގޮތުން ބައިވެރިވާ 3 ބޭފުޅެކެވެ.
ރިޔާސީ ކެންޑިޑޭޓުން:
1 އުމަރު ނަސީރު (އަމިއްލަ ގޮތުން)
2 ހަސަން ޒަމީލު (އަމިއްލަ ގޮތުން)
3 އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ)
4 ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
5 ގާސިމު އިބްރާހީމް (ޖުމްހޫރީ ޕާޓީ)
6 އަހުމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
7 އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
8 މުހައްމަދު ނާޒިމް (އެމްއެންޕީ)
މިއަހަރުގެ އިންތިހާބުގައި ޖުމުލަ 282،395 މީހުންނަަށް ވޯޓުލުމުގެ ހައްޤު ލިބިފައި ވާ އިރު މި އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިހާބުގައި މިހާތަނަށް މާބޮޑު މައްސަލަތަކެއް ކުރިމަތިވެފައެއް ނުވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.