މާލޭގެ އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. އެ ކުންފުނިން މިހާރު ތައްޔާރުވަމުންދަނީ އަންނަ ހަފްތާގެ ތެރޭގައި މަގު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، އަމީނީ މަގުގައި ކޯ ކަޓިންގގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ. މި މަޝްރޫއުގެ ދަށުން އަމީނީ މަގުގެ އިތުރުން އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ނިންމާފައެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކަކީ އާންމުންނަށް ބޭނުންކުރަން އަމާން އަދި ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ މަގުތަކަކަށް ހެދުން ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. އަމީނީ މަގަކީ މާލޭގެ އެންމެ ބާރުބޮޑު އެއް މަގަށް ވާއިރު، މަގުގެ ފެންވަރު ރަނގަޅު ކުރުމަކީ އާންމު ދަތުރުފަތުރަށް ލިބޭނެ ބޮޑު ލުޔެކެވެ.

އަމީނީ މަގުގައި މީގެ ކުރިން އަޅާފައިވާ ތާރުގަނޑު ކުރު މުއްދަތެއްގެ ތެރޭގައި ހަލާކުވެ، އަޑިގުޑަންވުމުގެ ސަބަބުން ދަތުރުކުރާ ފަރާތްތަކަށް ވަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޓެކްނިކަލް ފަރާތްތަކުން ލަފާކުރާ ގޮތުގައި މިކަން މިހެން ދިމާވީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުގެ ސަބަބުންނެވެ.

ނިމިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 1.79 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވެއެވެ. އެ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. ނަމަވެސް މަގުގެ ހާލަތު ގޯސްވުމާ ގުޅިގެން މިހާރު މިވަނީ އަލުން މަރާމާތުގެ މަސައްކަތް ފަށަން ޖެހިފައެވެ.