އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއައި ގޮތް ގަބޫލުކުރައްވާ ކަމަށާއި، ރައްޔިތުންގެ ނިންމެވުމަށް އިޙުތިރާމް ކުރައްވާ ކަމަށް، މޯލްޑިވްސް ނޭޝަަނަލް ޕާޓީ (އެމްއެންޕީ) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޕީން އެ ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވިއިރު، އެ ޕާޓީން ވިދާޅުވީ، އިންތިހާބުގައި މި ޕާޓީއަށް މަސައްކަތްކޮށްދެއްވި، ހުރިހާ ވޮލަންޓިއަރުންނަށާއި، މުވައްޒަފުންނަށާއި އަދި ވޯޓުދިން ހުރިހާ އެންމެންނަށް ވަރަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އެ އުފައްދައިގެން މިވީ ދެ އަހަރާއި ގާތްކުރާ މުއްދަތުގައި އެ ޕާޓީން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ވޭތުވެދިޔަ ތަނުގައި މި ޕާޓީއާއެކު ތިބި މީހުންނަށްވެސް ޝުކުރު އަދާ ކޮށްފައިވެއެވެ.
އެ ޕާޓީން ވިދާޅުވީ އެ ޕާޓީއަކީ ރައްޔިތުންނަށް ހިދުމަތްކުރުމަށް އުފައްދާފައިވާ ގައުމީ ފިކުރުގެ ޕާޓީއަކަށް ވުމާއެކު، އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.
އެމްއެންޕީއަށް މި އިންތިހާބުގައި ލިބިފައި ވަނީ 1،794 ވޯޓު ކަމަށް “ވަގުތު”ގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކައެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވަން އިއްޔެ ބޭއްވި ވާދަވެރި އިންތިހާބުގައި، ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މިހާރުގެ ރައީސް، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓާ އެކު 84،000 ވޯޓެވެ.