ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

މިގޮތަށް ނިންމީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައެވެ. މިމައްސަލަތައް ނަގަން ނިންމިއިރު، މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. ނަމަވެސް މާދަމާ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައެޅުމުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ނޯންނާނެއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަން ނިންމާފައިވަނީ މިވަގުތު ކަންކަން ސުމޫތުކޮށް ގެންދަންކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. މިގޮތަށް ނިންމިއިރު ރިިޔާސީ އިންތިޚާބުގެ ދެވަނަ ބުރައި ރައީސް ނަޝީދުގެ މަދަދަށް އެމްޑީޕީން ދަނީ ވަރަށް ބޮޑަށް އެދެމުންނެވެ.

54 މެންބަރުންގެ ސޮއި ހިމެނޭހެން، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ މިދިޔަ ޖޫންމަހުގެ 14 ވަނަ ދުވަހުއެވެ. ރައީސް ނަޝީދު މަޤާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ މަޤާމަށް އެމަނިކުފާނު އިންތިޚާބުކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާއެކުކަމަށާއި ވޯޓު ދީފައި ވަނީ ދިވެހިން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެ މަޤާމުގައި ރައީސް ނަޝީދު އިތުރަށް ހުންނަވައިފިނަމަ މަޖިލީހުން އަދާކުރަން ޖެހޭ ޤާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުޞަތު ގެއްލި މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.