މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ އިންތިޒާމްތަކަށް ބައިނަލްއަޤްވާމީ އޮބްސާވަރުން ތައުރީފު ކުރައްވައިފިއެވެ. މިއަދު މާލޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަން ފުރިހަމަކަން ފާހަގަކުރައްވައިފައެވެ. އެގޮތުން އެ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް ތައުރީފު ކުރައްވައިފައެވެ.

"ވޯޓުގުނުން ވެސް ވޯޓު ފޮށި ބަންދުކޮށް ނިމޭ ފަހުން ވަރަށް އަވަހަށް ކުރިއަށް ދިޔަ. އެކަން ދިޔަ ގޮތާ މެދު ވޯޓުފޮށިތައް ދޮށުގައި ތިބޭ އޮބްސާވަރުންގެ ވެސް ހިތްހަމަޖެހުން ލިބިފައިވޭ. އަދި އޭގެ އިތުރުން ވޯޓު ފޮށިތައް ބަހައްޓާފައިވާ ސަރަޙައްދުތަކާއި އެހާ ގިނަ މީހުން އުޅޭއިރު ޖާގައިގެ ދަތިކަން ނައިސް މީހުންނަށް ވެސް ފަސޭހަވާނެހެން ކަންކަން އިންތިޒާމްކޮށްފަ ހުރީ،" ސައުުތު އެފްރިކާއިން އިންތިޚާބު އޮބްސާވް ކުރެއްވި ޖަޖެއް ކަމަށްވާ ދަޔަނިތީ ޕިލޭ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން މި އިންތިޚާބު އޮބްޒަރވް ކުރެއްވުމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް އިންތިޚާބަށް ތަޢުރީފު ކުރައްވާފައެވެ. މި މަހުގެ 30 ވަނަ ދުވަހު ކުރިއަށް ދެން އޮތީ މި އިންތިޚާބުގެ ދެވަނަ ބުރެވެ. ގާނޫނު އަސާސީގައި ވާގޮތުން، ރައީސްކަމަށް އާދެވޭނީ ވޯޓުލާ މީހުންގެ 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯދައިގެންނެވެ. https://twitter.com/ElectionsMv/status/1701117894598517169?s=20 އީސީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިއްޔެ ވޯޓުލީ މީހުންގެ 46 އިންސައްތަ ވޯޓާ އެކު އެންމެ ބޮޑު ތާއީދެއް ހޯދާފައިވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައަށް ގޮސްފައިވަނީ 39 އިންސައްތަ ވޯޓާ އެކު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. އެހެންވެ، މި މަހު 30 ގައި އޮންނަ ދެވަނަ ބުރެއްގައި ވާދަކުރައްވާނީ އެ ދެ ކެންޑިޑޭޓުންނެވެ.