ސަރުކާރުން ކުރިޔަށް ގެންދާ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ އަލުން ހެދުމަށް ކުރިޔަށް ގެންދާ މަޝްރޫޢު އަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ, ކަންދައްކަން ކުރާ ކަމެއް ކަމުގައި މަޑަވެލީ ކައުންސިލް ރައީސް ފިޔާޒް ޙަސަން ވިދާޅުވެއްޖެއެވެ.

ރަށުގައި ހިންގާ ޕްރޮޖެކްޓް ތަކާ ބެހޭ ގޮތުން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ރައީސް ފިޔާޒް ވިދާޅުވީ ސަރުކާރުން އެމް ޓީ ސީ ސީ އާއި ޙަވާލު ކޮށްގެން ކުރިޔަށް ގެންދާ މަސައްކަތް މިހާރު ދާ ސްޕީޑުން ދާ ނަމަ އެއްކޮށް މަސައްކަތް ނިމޭނެ ދުވަހެއް އަންދާޒާ ކުރަންވެސް ނޭގޭ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ނަމުގައި ކަނަށެވެ. 

ފިޔާޒް ވިދާޅުވީ ކުރިޔަށް އޮތީ އުދަ އެރުމުގެ މޫސުމެއް ކަމަށާއި ހުރިހާ ގެއްލުމެއް ވާނީ ދެ ރަށު މީހުންނާއި ރަށަށް ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ފިޔާޒް ވިދާޅުވީ މަޑަވެލީ ގައި ސަރުކާރުން ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އޮތީ ހުއްޓިފައި ކަމަށާއި ދާދި ފަހުން އަޅަން ފެށި އައިސް ޕްލާންޓްގެ މަސައްކަތް ވެސް ދެ ފާރެއް ރޭނުމަށް ފަހު ވޮޗަރުން ބައިތިއްބައިގެން ޑިއުޓީ ކުރުން ފިޔަވާ އެއް ކަމެއް ވެސް ކުރިޔަށް ނުދާ ކަން ފާހަގަ ކުރައްވިއެވެ. 

"ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްޤީ ކުރައްވަނީ ކަމަށް ވިދާޅުވެ އާދައުރަކަށް ކެމްޕެއިން ކުރައްވާ އިރު އެކަން ޙަޤީޤަތަކަށް ވަމުން ދާ މަންޒަރު އެއްވެސް ރަށަކުން ނުފެނޭ. މަސައްކަތް ތައް ދިގުލަނީ ރައްޔިތުން އެކަންކަން މަތިން ވެސް ފޫހިވާ ވަރަށް. ދައުރެއް ނިމި ދާ އިރު އުފާވެރި ކަން އިހުސާސް ނުވޭ"  މަޑަވެލީ ރައީސް ފިޔާޒް ޙަސަން ވިދާޅުވިއެވެ.