ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ "ފްރެންޑް-4" ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ. މި ދޯނި އަޑިއަށް ގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އުމުރުން 39 އަހަރުގެ އިބްރާހީމް އަޙްމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ. މި މީހުން ގެއްލިފައިވަނީ ދޯނި އަޑިއަށް ދިޔަ ވަގުތު މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށް އިއްޔެ ކުރި މަސައްކަތުގައި މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން 881 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވައިގެ މަގުން ވަނީ ބަލާފައެވެ.
މީގެ އިތުރުން ކަނޑުމަގުން ކުރިއަށްދާ އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކުގެ އިތުރުން ސީއެމްބިއުލޭންސް "SA037" އަދި "SA038" ބޭނުންކޮށްގެން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ. މި މަސައްކަތުގައި ފުލުހުންގެ ލޯންޗުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެއްވެސް މީހަކު ފެނިފައިނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ 22:40 އެހައިކަންހާއިރުއެވެ. މި ދޯނީގައި ޖުމްލަ 8 މީހުން ދަތުރުކުރިއިރު، އޭގެ ތެރެއިން 5 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.