އއ. އުކުޅަހުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މަޝްރޫއުގެ މަސައްކަތް ފަށްޓަވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި އުކުޅަހު ކައުންސިލްގެ ރައީސްއާއި، މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފެށި މުހިންމު މަޝްރޫއެކެވެ.
މީގެ 11 މަސް ކުރިން ރައީސް މުއިއްޒު އުކުޅަހަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން އިސްލާހުކޮށް، 250 ގޯތި ދޫކުރުމުގެ އިތުރުން 50 ހައުސިން ޔުނިޓްގެ މަސައްކަތް ބަޔަކާ ހަވާލުކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ. ރައީސް އެދުވަހު ވިދާޅުވީ "250 ގޯއްޗާއި 50 ހައުސިން ޔުނިޓްގެ މަޝްރޫއު އާއެކު ގެދޮރުގެ މައްސަލަ ހައްލުވެގެންދާނެ" ކަމަށެވެ.
1185 މީހުންގެ އާބާދީއެއް އޮންނަ އުކުޅަހަކީ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ ފަތުރުވެރިކަމުގެ މަންޒިލެކެވެ. މަސްވެރިކަމާއި ފަތުރުވެރިކަމުން އާމްދަނީ ހޯދާ އެ ރަށުގެ ރައްޔިތުންނަށް މި ހައުސިން މަޝްރޫއުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިތުރު އުޖާލާކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ބޯހިޔާވެހިކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާތީ، ސަރުކާރުން ދަނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހައުސިން ޔުނިޓްތައް ބިނާކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އުކުޅަހުގެ މި މަޝްރޫއަކީވެސް އެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.