ގާނޫނާއި ގަވާއިދަށް ބަދަލު ގެނެސްގެން ނަމަވެސް ސަރުކާރުން ދޭ ގޯއްޗާއި ފްލެޓް ލިބިގެން މިހާރު ލިބިފައި އޮތް ގޯތި ދޫކޮށްލަން ނުޖެހޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ރޭ މާލޭގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ވަރަށް ކުދި ކުދި ތަންތަނުގައި މީހުން ދިރިއުޅެމުން ދާއިރު، އެތަންތަން ދޫކޮށްލަން ޝަރުތުކުރުމަށް ފަހު ސަރުކާރުން ގޯއްޗާއި ފްލެޓު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

“މައިންބަފައިން އަތުން ލިބުނު ތަންކޮޅު، ނުވަތަ ގޭތެރޭގައި ބަހާލައިގެން ކޮންމެ ކޮޓަރިއެއްގައި އުޅެމުންދަނިކޮށް އެ ކޮޓަރި ވެސް ދޫކޮށްލާފައި ދާން ޖެހުނީމަ، އަސްލު އެހާ ދުވަސް ކޮށްފައި 30، 40 އަހަރު ކޮށްފައި މި ލިބޭ ގެދޮރުގެ ފުރުސަތު އެންމެ އިންސާފުވެރި ގޮތަކަށް ލިބުނު ކަމަކަށް އިހުސާސެއް ނުވާނެ”މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ތެރެއިން 600 އަކަފޫޓް އަދި 700 އަކަފޫޓު ތަންކޮޅެއް ލިބިފައިވާ މީހުންގެ އަތުން އެތަންތައް އަތުލާފައި ނުވާ ކަމަށެވެ. އަދި އޭނާގެ ސަރުކާރެއްގައި ގާނޫނަށް އަދި އެއާ ގުޅިފައިވާ ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ނަމަވެސް ދިރިއުޅެމުންދާ ކުދި ތަންތަންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.