އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ދޭހަވީ އެއްވެސް ކެންޑިޑޭޓަކަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހެޅިފައިނުވާ ކަން ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ، އެމްއާރްއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާކަން އިއުލާންކުރުމަށް ބޭއްވި މި ބައްދަލުގައި ފާރިސް ވިދާޅުވީ، ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50އިން ސައްތަ ލިބިވަޑައިނުގެންނެވުމުން އެއްވެސް ކެންޑިޑޭޓަކަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހެޅިފައިނުވާކަން ދޭހަވާ ކަމަށެވެ. އޭނާގެ މެނިފެސްޓޯގައި ހިމެނި ކަންތައްތައް ރައްޔިތުންނަށް ވަރަށް ކަމުދިޔަކަމަށެވެ. އެހެންނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ވޯޓުން ރައްޔިތުންގެ މާބޮޑު ތާއީދެއް އޭނާއަށް ނެތްކަން ދޭހަވާ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. އަދި ދެވަނަ ބުރެއްގައި ވަކި ކެންޑިޑޭޓަކަށް އޭނާ ތާއީދުކުރެއްވި ނަމަވެސް އޭނާއަށް ވޯޓުލީ ރައްޔިތުން އެ ކެންޑިޑޭޓަކަށް ތާއީދުކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ. ޕީޕީއެމް/ޕީއެންސީ އާދި އެމްޑީޕީއިން ކޯލިޝަން ހެދުމަށް ދިން ދައުވަތާއެކު، ފާރިސް ވަނީ ދެޕާޓީއަށްވެސް ހުށަހެޅުންތަކެއް ފޮނުއްވާފައެވެ. އެހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:
- އެއްވެސް ގައުމެއްގެ އަސްކަރީ އެއްވެސް ބަޔަކު އުޅޭ ނަމަ އޭގެ ސަބަބާއި އެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކުރުން
- އުތުރު ތިލަފަޅުގެ އެއްބަސްވުން، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމުގެ އެއްބަސްވުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އެއްބަސްވުން، އަދި އައްޑޫ ޕޮލިސް އެކަޑެމީގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުން
- ޗާގޮސްގެ މައްސަލައާ ގުޅޭ ކަންކަން
- ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކުރުން
- މަޖިލިހުހެ މެންބަރުންގެ މުސާރަ ކުޑަކުރުން
- މެންބަރުން ވަކިކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން
- މެންބަރަކަށް ވުމުގެ ޝަރުތު ޒަމާނީ ގޮތަށް ބަދަލު ކުރުން
- އަންހެނުންގެ ނިސްބަތް އިތުރުކުރުމަށްޓަކައި ކޯޓާއެއް ކަނޑައެޅުން
- ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އިސްރަށްވެހިންނާއި ފަންނީ މީހުންނަށް އެކަނި މަޖިލީހަށް ކުރިމަތިލެވޭގޮތް ހެދުމަށްޓަކައި "ނޭޝަނަލް ކޮންސްޓިޓިއުޓަންސީ" ގޮނޑިތަކެއް ހާއްސަކުރުން
- ރައީސް ޢަބްދުﷲ ޔާމީނަށް އިންސާފު ހޯދައިދެއްވުން
- ކޮވިޑް-19 ތެރޭގައި ވެންޓިލޭޓަރު ގެނައުމުގައި ހިންގި ކަންކަންބަލައި ގެއްލުނު ފައިސާ ހޯދުން
މި އެއްބަސްވުންތައް ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޑރ. މުއިއްޒަށް، ފާރިސް ދެއްވީ ވެރިކަން ލިބިވަޑައިގަންނަވާތާ ފުރަތަމަ ފަންސާސް ދުވަހެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މިހާރުން މިހާރަށް އެއްބަސްވުންތައް މަޖިލިހަށް ފޮނުއްވުމަށް ޝަރުތު ކުރެއްވިއެވެ. ބޭރުގެ އަސްކަރިއްޔާގެ މައުލޫމާތު ވެސް މިހާރުން މިހާރަށް ރައްޔިތުންނާ ހިއްސާ ކުރަން ފާރިސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހެޅުއްވިއެވެ. އަދި މިމައުލޫމާތު ހިއްސާކުރަން ޑރ މުއިއްޒަށް ފާރިސް ދެއްވީ ވެރިކަން ލިބޭތާ ފުރަތަމަ ފަންސާސް ދުވަހެވެ. ފާރިސް ވިދާޅުވީ، އެ ޕާޓީތަކާއެކު ކުރި މަޝްވަރާތައް ވަރަށް ދިގުލައިގެން ގޮސްފައިވާ ކަމަށާއި މަސައްކަތް ކުރަމުން ދިޔައީ ގައުމު އިސްލާހުކުރުމަށް ކުރަން ޖެހޭ މުހިންމު ކަންކަން އެ ބޭފުޅުންގެ މެނިފެސްޓޯއަށް އިތުރުކުރެއްވުމަށް ކަމަށެވެ. އޭނާގެ ޓީމުން ބޭނުންވަނީ މުޅި ސިޔާސީ ސިސްޓަމަށް އިސްލާހީ ބަދަލުތަކެއް ގެނައުންކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ، ބޮޑު ޕާޓީއަކާ ގުޅިގެން އެ ކަންކަން ކުރަން ދަތިވާނެ ކަމަށާއި އެއީ އެ ޕާޓީއެއްގެ އާއްމު މެންބަރުންގެ މަސްލަހަތު މުޅި ރައްޔިތުންގެ މަސްލަހަތަށްވުރެ އިސްކުރާނެކަން ޔަގީންކުރެވޭތީ ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.