ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިޔަށް ގެންދާ ގާލްސް ޓު ކޯޑް ގެ އާ ޕްރޮގްރާމް މިފަހަރު ކުޅުދުއްފުށީގައި ފެއްޓުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. ކުޅުދުއްފުށީ ސިޓީގައި ފެއްޓުމަށް ތައްޔާރުވަމުންދާ ކޯހުގެ ރެޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލާފިއެވެ.
މިއީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމް "ގާލްސް ޓު ކޯޑް"ގެ ތިންވަނަ ޕްރޮގްރާމެވެ.
މި ޕްރޮގްރާމަކީ އުމުރުން 14 އަހަރާއި 20 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.
މި ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓު ފަރުމާކޮށް ޑިވެލޮޕްކުރަން ހިމެނެއެވެ. މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ލިބިފައިނުވާ ފަރާތްތަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ.
ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ސިލްސިލާ ޓްރެއިނިން ޕްރޮގްރާމެކެވެ.
އެ ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ފުވައްމުލައް ސިޓީގައި ބޭއްވުމަށްފަހު ލިބުނު ތަރުހީބުގެ ސަބަބުން މިދިޔަ ޖަނަވަރީ މަހު ދެވަނަ ޕްރޮގްރާމެއް ގދ. ތިނަދޫގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.