ލޯނު ނަގަން އެތައް ސުކޫލެއް މިސަރުކާރުން ރަހުނުކޮށްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރ، ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ބ. ކަމަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ކަމަދޫގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގައި، ތަރައްގީއެއް ގެނެވޭނީ އުމްރާނީ ތަރައްގީއާއެކީ އިގްތިސާދީ ތަރައްގީ އެކުއެކީ ގެނެވިގެންކަން ހާމަކުރައްވައި ޑރ މުއިއްޒު ވިދާޅުވީ މިހާރު ފެންނަނީ ދަރަނި މައްޗަށް ދަރަނި ނަގަމުންދާ ތަންކަމަށެވެ. އެންމެފަހުން އިވިގެން ދިޔަ އަޑަކީ އިންޑިޔާ ބޭންކުން އެތައް މިލިއަން ޑޮލަރުގެ ބޮންޑެއް ނެގި ވާހަކަ ކަމަށާއި އެއީ ދޮގުވާހަކައަކަށްވެސް ވެއްޖެކަމަށާއި މިފަދަ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ނޭނގޭކަން މުއިއްޒު ވަނީ ފާހަގަ ކުރަައްވާފައެވެ.
މުއިއްޒު ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާތީ ކަމަށް ބުނެ، ސޮއިކޮށްފައި ހުންނަ އެގްރީމެންޓުތަކުގައި ހުންނަ އިންޓްރަސްޓް ރޭޓުވެސް ފާޅުކޮށްލާކަށް ސަރުކާރަށް ނުކެރޭކަމަށެވެ. އަދި އެގްރީމަންޓުތަކުގައި ކިތައް ޕަސަންޓު އިންޓްރަސްޓް ތޯ ހިމެނެނީ ކިތައް އަހަރުންތޯ ދައްކަން ޖެހެނީ، މިފަދަ ސުވާލެއް ކޮށް، އޮޅުން ފިލުވުމަށް މަސައްކަތްކޮށްދފިނަމަ ހަނޑޫ ހަކުރު ފުށް ލިބުމަށް ހުރަސް އެޅިގެންދާ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ބ ކަމަދޫގައި
މިއީ ސަރުކާރުގެ ރަސްމީ އިދާރާތަކުން ޖަވާބުދާރީވާ ގޮތްތައްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ މި ރާއްޖޭގެ ގަވަރުނަރަށްވެސް ސަރުކާރުން ނަގާފައި ހުރި ލޯނުތަކުގެ ތަފްސީލް ނޭނގޭ ކަމަށެވެ. މުއިއްޒު ވިދާޅުވީ މިކަމުންވެސް ދިވެހިން އަޅުވެތިވެފައިވާ ވަރު ހާމަވެގެންދާކަމަށެވެ. މިފަދަ ކަންކަމަށް ވިސްނައި މިގޮތްތައް ބަދަލުކުރުމަށް މިމަހު 30 ހާ ހަމައަށް މިއޮތް މަދު ދުވަސްކޮޅު ތެރޭ ވިސްނުމަށް، މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. ހަމައެހެންމެ އެމްޑީޕީ މެމްބަރުންވެސް ޕާޓީގެ ބޭރުން ވިސްނައި ގައުމުގެ ސަލާމަތަށްޓަކައި ވިސްނެވުމަށް އެދިވަޑައިގެންފައެވެ.
އެމަނިކުފާނު އެ ހުންނެވި (މާލޭގެ މޭޔަރުކަމުގެ) މަގާމުގެ ގޮތުން މިސަރުކާރުން ލޯނު ނެގުމަށް ރަހުނުކޮށްފައިވާ ތަންތަން އެނގިވަޑައިގަންނަވާކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ ލޯނު ނެގުމަށްޓަކައި މި ސަރުކާރުން އެތައް ސުކޫލެއް ރަހުނު ކޮށްފައިވާ ކަމަށެވެ. އެގޮތަށް ރަހުނުކޮށްފައިވަނީ އެއްސުކޫލު ދެސުކޫލެއް ނޫން ކަމަށާއި ތިން ހަތަރު ސުކޫލެއް ރަހުނުގެ ގޮތުގައި ބަހައްޓާފައި ލޯނު ނަގާފައިވާ ކަމަށެވެ. ގައުމުގެ ދަރަނީގެ 49 އިންސައްތަ ވަނީ ވަކި ގައުމަކަށް ބަރޯސާ ވެފައިކަން މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.
މިފަދަ ކަންތައްތައް މިހެން ހުރުމުން، މި ރާއްޖެ ވެއްޓިފައި މިވާ އަނދަވަޅުން ސަލާމަތްކުރުމަށް ހުރިހާ ރައްޔިތުންވެސް ވަކި ޕާޓީއަކަށް ނުބައްލަވައި، ވިސްނުން އެއްގޮތް ކުރައްވަން މުއިއްޒު ވަނީ އެދިވަޑައިގެންފަައެވެ. އަދި އެމަނިކުފާނަށް ވޯޓު ދެއްވުމަށް މުއިއްޒު ވަނީ އިލްތިމާސްކުރައްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.