ވެރިން ގޯސްހަދާފައިވާކަން މުޅި ރާއްޖެ ވަނީ ގަބޫލުކޮށްފައި ކަމަށާއި ސަރުކާރުން މިހާރުވަމުންދާ ވައުދަކީ ވެރިކަން ނުލިބޭނެކަން ޔަގީން ވުމުން ޖެއްސުމަށްވާ ވައުދުތަކެއް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު، ސެމްބެ ވިދާޅުވެއްޖެއެވެ.
ސެމްބެ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރައްޔިތުންގެ ތައީދު ހޯދުމަށް ހުއްޓުމެއްނެތި ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީގެ ޓީމުތަކުން ހުއްޓުމެއްނެތި ކުރަމުންދާ ކެމްޕޭނުގައި ލަންކާއަށް ވަޑައިގެން، ލަންކާގައި ތިބި ދިވެހިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައެވެ.
ސެމްބެ ވިދާޅުވީ އެމްޑީޕީގެ އެއްވެސް ހަރަކާތެއް މިހާރު ނެތްކަމަށެވެ. ވެރިން ގޯސް ހަދާފައިވާ ކަން މުޅިރާއްޖެ ގަބޫލުކޮށްފި ކަމަށެވެ. ސެޕްޓެމްބަރު 9ގައި ނެގުނު ވޯޓުން ސަރުކާރުން ހަދާފައިވާ ބޮޑެތި ގޯސްތަކާއި ވެރިން ރައްޔިތުންނަށް ހިޔާނާތް ވެފައިވާކަން ރައްޔިތުން ހާމަކޮށްދިނުމުން، އެމްޑީޕީއަށް ރައްޔިތުންގެ ކައިރިއަށް ދާން ނުކެރި ހުއްޓުން އެރިތަން ފެނިގެން ދިޔަ ކަމަށެވެ.
ސެމްބެ ލައްކާގައި ތިބި ދިވެހިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން....ފޮޓޯ:ޕީޕީއެމް
އޭގެ ފަހުން ހަމައެކަނި މާލޭގައި ދޭތެރެއަކުން ބާއްވާލާ ކަންމަތީ ކުޑަ ބައްދަލުވުންތަކުގައި އެއްވެސް ދިރާސާއެއް ކަންކުރާނެ ގޮތެއް ބެލުމެއްނެތި ވަމުންދާ ވައުދުތަކަށް އިޝާރާތް ކުރައްވައި ސެމްބެ ވިދާޅުވީ އެެއީ ސީދާ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ވާ ވައުދުތަކެއް ކަމަށެވެ.
ސެމްބެ ވިދާޅުވީ ރާއްޖޭގެ ސްކޫލު ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ތައުލީމް ހާސިލްކޮށްގެން ރާއްޖެއަށް އަންނަ ދަރިވަރުންނަށް އަދާކުރާނެ ވަޒީފާއެއް ނެތި މަގުމަތި ކޮށްފައިވާކަމީ މިއަދު ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. ތައުލީމީ ގޮތުން އެންމެ މަތީފާސް ނަގައިގެން ރާއްޖެއަށް ގޮސް ވަޒީފާއެއް ނުލިބި ތިބި ކުދިން ގިނަ ވުމަކީ ކަންބޮޑުވުމެއްކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.
ސެމްބެ ލަންކާގައި ތިބި ދިވެހިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން: ...ފޮޓޯ:ޕީޕީއެމެ
މިސަރުކާރުން ވަނީ ޒުވާނުން ބާކީކޮށް، މަގުމަތި ކޮށްފައިކަން ފާހަގަކުރައްވައި، ސެމްބެ ވިދާޅުވީ އެކަން ބަދަލުކޮށް ޒުވާނުންނަށް ހައްގު މިންވަރު ލިބޭ ގޮތަށް ވަޒީފާގެ ތަނަވަސް ފުރުސަތުތަކެއް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.
އަދި ހަމައެހެންމެ ލަންކާއާއި، އެހެން ގައުމުތަކުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލު ގެނެސްދެެއްވާނެ ކަމަށް ސެމްބެ ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.