ދަބަހުގައި ބަނގުރާ ފުޅިތަކެއް އުފުލި މައްސަލައިގައި ހައްޔަރުކުރި ބިދޭސި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ރޭގެ ވަގުތެއްގައި ދަބަހުގައި ހުރި ރާ ފުޅިތަކެއް ހޮފައިގެން އެމްޓީސީސީ ބަހަށް އަރަނިކޮށް އަތުލައިގަނެ، ހައްޔަރުކުރި މި މީހާއަކީ އުމުރުން 43 އަހަރުގެ އިންޑިއާ މީހެކެވެ. އޭނާގެ އަމަލުތައް ހުރި ގޮތާމެދު ޝައްކު ވެގެން އެމްޓީސީސީގެ މުވައްޒަފުން ދަބަސް ހުޅުވާފައި ދެއްކުމަށް ބުނުމުން ކުޑަކޮށް ދަބަސްހުޅުވާފައި ދެއްކިއެވެ.

އަދި ހަމައެވަގުތު އެތަނުން ދުވެ ފިލުމަށްވެސް މީނާ ވަނީ މަސައްކަތް ކޮށްފައެވެ. މި މީހާ ދުވެ ފިލަން އުޅުނީ ބަހުގެ ތެރެއަށް އެ ދަބަސް ދޫކޮށްލާފައެވެ. އަދި މީނާ ހިފެހެއްޓުމަށްފަހު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މި އިންޑިއާ މީހާގެ ދަބަހުގައި 26 ފުޅިބަނގުރާ ހުރިމަކަށް ވަނީ މައުލޫމާތު ލިބިފައެވެ.

"ބަނގުރާ ގެންގުޅުމާއި ވިޔަފާރި ކުރާ ކަމުގެ ތުހުމަތު"ގައި ކްރިމިނަލްކޯޓުގެ މުއްދަތުކޮމިޓީން ނިންމީ އޭނާގެ ފުރަތަމަ ބަންދަށް، ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.