ދިހަ އަހަރުގައި އޯވަރީ ކެންސަރު ޖެހުނު އާމިނަތު އަލީ އާދަމް (އާމި) ނިޔާވެއްޖެއެވެ.
ރެހެންދި ސްކޫލުގެ ގްރޭޑް ފަހެއްގައި ކިޔަވަމުންދާ ގއ. ދާންދޫ/ މަސްތަކާގެ، ދިހަ އަހަރުގެ، އާމިނަތު އަލީ އާދަމް ނިޔާވެފައި ވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
އާމިގެ އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އާމީއަށް ކެންސަރު ޖެހިފައިވާ ކަން ހާމަވީ މިދިޔަ ޑިސެމްބަރު މަހުގައެވެ. އެތައް ސާޖަރީއަކާއި ފަރުވާތައް ދިން ނަމަވެސް، އާމީގެ ޓިއުމަރު ކޮންޓްރޯލް ނުވިކަމަށެވެ.
އާމި ރަނގަޅުވާނެ ކަމަށް އިންޑިއާއިން އުއްމީދު ކަނޑާލުމުން، އާމިއަށް ފަރުވާ ދިނީ ވެސް އައިޖީއެމްއެޗްގެ ޕައިލޭޓީވް ކެއާގައެވެ. އާމިއަށް މިދޔަ އަހަރު އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އޭރު ހެދި ޓެސްޓުތަކުން ވެސް، މިއީ އަވަހަށް ފެތުރޭ ޓިއުމަރެއްކަން އެނގުނުކަމަށް އާއިލާއިން ބުންޏެވެ. އާމި ނިޔާވީ އޯވަރީ ކެންސަރު ޖެހިގެން އެންމެ ފަހު މަރުހަލާގައި ފަރުވާ ދެމުން ދަނިކޮށެވެ. އޯވަރީ ކެންސަރު އާއްމުގޮތެއްގައި ޖެހެނީ ބޮޑެތި އަންހެނުންނަށެވެ. ކެންސަރަށް ހާއްސަ ޑޮކްޓަރަކު ވެސް ވިދާޅުވި ގޮތުގައި މިހާ ކުޑަކުއްޖަކަށް އެ ކެންސަރު ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. އޯވަރީ އަށް ކެންސަރު ޖެހުމަކީ ކުޑަކުދިންގެ މެދުގައި އެހާ އާންމު ކަމެއް ނޫނެވެ.
އައިމިނަތުގެ ކަށުނަމާދު ބޭއްވީ މިރޭ ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
ކެންސަރު ބަލީގައި މިއަދު ދިހަ އަހަރުގެ ކުއްޖަކު ނިޔާވި އިރު، މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ކެންސަރުގައި ފަނަރަ އަހަރުގެ ކުއްޖަކު ވެސް ވަނީ ނިޔާވެފައެވެ. ހަމައެހެންމެ އޭޕްރިލް މަހުގެ ތެރޭގައިވެސް ފަނަރަ އަހަރުގެ ކުއްޖަކު ވަނީ ކެންސަރު ބަލީގައި ނިޔާވެފައެވެ. ރާއްޖޭގައި ކެންސަރުގެ އެކިވައްތަރުތައް ފަހަކަށް އައިސް ކުރިއަށް ވުރެ އާންމުކޮށް ފެންނަމުންދާ ކަން ފާހަގަކުރެވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.