ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމްކުރި އިރު، އޭނާއާއެކު ހައްޔަރުކޮށް ދައުވާ އުފުލި، ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށްވާ، އަބްދުﷲ އަލި މަނިކުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މިމައްސަލައިގެ ހުކުމް އިއްވުމުގެ ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ހުކުމް ކުރެއްވީ، އަލިމަނިކުގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށާއި ނަމަވެސް ތަސްލީމްގެ މައްޗަށް ހެކި ނެތުމުން ކުށް ސާބިތުނުވާ ކަމަށެވެ. އަލިމަނިކު ހުރީ ހައްޔަރު ކުރި ދުވަހުން ފެށިގެން މިހާތަނަށް ވެސް ބަންދުގައެވެ. އެހެންކަމުން، މިއަދު އޭނާއަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމުން އެ މުއްދަތު ހުކުމުން އުނި ކުރުމުން ބާކީ ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހާއި 29 ދުވަހެވެ. އަދި ތަސްލީމަށް ކުށް ސާބިތު ނުވާކަމަށް ވަނީ ހުކުމްކޮށްފައެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން ތަސްލީމްގެ ބައި ހައި ކޯޓުގައި އިސްތިއުނާފް ކުރުމާ މެދުގައި ގޮތެއް ނިންމާނެ ކަމަށެވެ. އަލި މަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު އެކަކެވެ. އެ މައްސަލާގައި ހައްޔަރުކޮށް 10 އަހަރަށް ޖަލަށް ލުމަށް މެއި 15، 2008 ގައި ވަނީ ހުކުމް ކޮށްފަ އެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަލި މަނިކު ދެ ފަހަރެއްގެ މަތިން ޖަލުން ފިލި އެވެ. އެގޮތުން، 2009 ވަނަ އަހަރު ގދ. ތިނަދޫގައި އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރުމަށް ފަހު ބޯޓެއްގައި އޭނާ ގޮވައިގެން މާލެ އަންނަނިކޮށް ކަނޑަށް ފުންމާލައިގެން ފިލަން މަސައްކަތްކުރި އެވެ. އަދި ޖަލަށް ލާފައި ވަނިކޮށް 2010 ވަނަ އަހަރު ޖަލުން ފިލައިގެން އުޅޭތާ އަހަރެއް ފަހުން ތިލަފުށިން ވެސް އަލިމަނިކު ހައްޔަރު ކުރިއެވެ. އަލި މަނިކުގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމް ނުނިމި އޮއްވާ، ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ހާއްސަ ބާރުގެ ދަށުން އޭނާގެ ޖަލު ހުކުމުގެ މުއްދަތު ތިން ދުވަހަށް ކުރުކޮށް، މެއި 5، 2019 ގައި އޭނާ ވަނީ މިނިވަންކޮށްފަ އެވެ. އޭރު އޭނާ ހުކުމް ތަންފީޒު ނުކޮށް އޮތީ އަށް މަސް ދުވަހެވެ. އޭގެ ފަހުން އަނެއްކާވެސް ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އަދާކުރުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި އަލިމަނިކު ހައްޔަރު ކުރީ 18 ޖޫން 2021 ގައެވެ. މުހައްމަދު ތަސްލީމަކީ، އަމިއްލަ ކުންފުންޏެއްގެ އޮފީސް ތެރޭގައި ބޮމެއް ހަދަން މަސައްކަތް ކުރި މައްސަލައިގައި 2017 ވަނަ އަހަދު ހައްޔަރުކުރި މީހެކެވެ. މެއި ހައެއްގައި މަޖިލިސް ރައީސަށް ހަމަލާދިނުމަށް އިރުޝާދު ދިނީ އޭނާ ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.