ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ބަހާއި އަމަލު ދިމާވާފަދަ އިހްލާސްތެރި ބޭފުޅަކު މި ރާއްޖޭގެ ރައީސްކަމަށް ބޭނުންވާތީ އެފަދަ ބޭފުޅަކަށް ތާއީދު ކުރެއްވުމަށް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާސީ އަހުމަދު ހައިލަމް ނިންމަވައިފިއެވެ.

ހައިލަމް މިއަދު ވިދާޅުވީ، ރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލައި، ގައުމުގައި ހަމަޖެހުމާއި އަމާންކަން ގާއިމު ކުރެވޭނީ ޑރ. މުއިއްޒަށް ކަމަށެވެ.

އަދި މާތްވެގެންވާ އިސްލާމްދީނަށް މިގައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަކުރުންތައް ހުއްޓުވައި، ދިވެހިންގެ ތެރޭގައި ދީނީ ވަދަތު ގާއިމްކޮށް، އިގްތިސާދީގޮތުން މިގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ފުދުންތެރި ޖީލެއް ބިނާކޮށް ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަންގެ ނުރައްކާތެރި ވަބާއިން މިރާއްޖެ ސަލާމަތްކުރެވޭނީވެސް މުއިއްޒަށް ކަމަށް ހައިލަމް ވިދާޅުވިއެވެ.

"ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ބަހާއި އަމަލު ދިމާވާފަދަ އިހްލާސްތެރި ބޭފުޅަކު މި ރާއްޖޭގެ ރައީސްކަމަށް އައްޔަންކުރެވިގެން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ޑރ. މުއިއްޒަށް ތާއިދު ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ،" ހައިލަމް ވިދާޅުވިއެވެ.

ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރުގައި ހައިލަމް ތާއިދު ކުރެއްވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށެވެ.