ރިޔާސީއިންތިހާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ފުލުހުންގެ ޓީމުތައް ރަށްރަށަށް ފުރަން ފަށައިފިއެވެ.

އިއްޔެ ފުރައިގެން ދިޔައީ ރާއްޖޭގެ އުތުރު އަދި ދެކުނުގެ ރަށްރަށް ފޮނުވާ ފުލުހުންނެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޓީމުތަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގަ ހަރަކާތްތެރިވާނެއެވެ. މީގެއިތުރުން އިމަޖަންސީ ހާލަތްތަކުގައި ރަށްރަށް ފޮނުވާނެ ފުލުހުންގެ ޓީމުތައް ވެސް ވަނީ ހަމަޖައްސައި އެކުލަވާލާފައެވެ.

"ރިޔާސީ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނީ ފުލުހުންގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިންތިހާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތުވެސް ފުލުހުންނަށް ވަނީ ފޯރުކޮށްދީފައި ކަމަށްވެސް ފުލުހުން މިއަދު ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރުއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމްއެވެ.