މި ސެޕްޓެމްބަރުމަހުގެ 9ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވި ސަތޭކަ ދީނީ އިލްމުވެރިން ދެވަނަ ބުރުގައި ވެސް ތާއީދު ކުރައްވާނީ މުއިއްޒަށް ކަމަށް ހާމަ ކުރައްވައިފިއެވެ. ފުރަތަމަ ބުރު ޑރ މުއިއްޒަށް ތާއީދު ކުރެއްވިކަން ހާމަކުރައްވައި މި އިލްމުވެރިން ނެރުނު ބަޔާނުގައި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް، މިގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ގޮތަކުންވެސް އެންމެ ގާބިލް ހުލްގުހެޔޮ ކެންޑިޑޭޓަކަށް އެ ބޭފުޅުންނަށް ފެނިވަޑައިގަތީ ޑރ. މުއިއްޒު ކަަމަށް ބުނެފައިވެއެވެ. އެބޭފުޅުން ބުނެފައިވަނީ އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި ތަޖުރިބާގެ ގޮތުންވެސް އެންމެރަނގަޅީ މުއިއްޒުކަމަށް ބުނެފައިވެއެވެ.

އެ ބޭފުޅުންގެ ތާއީދު އޮތީ މުއިއްޒަށް ކަން ހާމަކޮށް، ކެންޑިޑޭޓަކު ނަންބަރު ހަތަރެއް، މުއިއްޒާއި އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް ވޯޓް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ/ އަދި މި ހާލަތުގައި އިސްލާމް ދީނާއި ގައުމުގެ މަސްލަހަތު އިސްކޮށް ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމަކަން ރައްކާތެރިކޮށް ހިފަހައްޓައި މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އެއަށްފަހު ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ކުރިއަށް ދާނީ ވޯޓު ފޮށިތައް ބަންދު ކުރާތާ 30 މިނެޓު ފަހުންނެވެ. ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ޔޫއޭއީ އަދި އިނގިރޭސިވިލާތުގައެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު މުއިއްޒެވެ.