ޢުމަރުގެ ރަނިން މޭޓް އަޙުމަދު ސަލީމް އެމްޑީޕީގެ ޕޯޑިއަމްއަކުން ފެނިގެން ދިއުމަކީ ވަރަށް ހައިރާންކަން ލިބުނު ކަމެއް ކަމަށާ ވަކިން ޚާއްސަކޮށް ހައިރާންކަން ލިބުނީ އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށް ވާހަކަ ދެއްކެވީތީ ކަމަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ޢުމަރު މިފަދައިން ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަނދެން ޢުމަރާއެކު ސިޔާސީ މަސައްކަތްތަކެއް ކުރެއްވި ސަލީމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙްއަށް ތާޢީދު ކުރެއްވުމާއި ގުޅިގެން ޢުމަރު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

"ޚުދު ސަލީމަކީ އަޅުގަނޑާ އެކީގައި މަގުމަތީގައި ޕިކަޕްތަކަށް އަރައިގެން އަޑުގަދަކުރާއިން އިންޑިއާ ސިފައިން ބާލަން ގޮވަމުންދިޔަ މީހެއް. މިއަދު އެހެން ޕޯޑިއަމަކަށް އަރާ އެހެން ގޮތަކަށް ވާހަކަ ދެއްކީމަ އަޅުގަނޑު މުޅިން ހައިރާންވެއްޖެ " ޢުމަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމީ އެންމެން ދަންނަ ކަމެއް ކަމަށާ އެއީ ޙަޤީޤަތެއް ކަމަށާ އެ މީހުން ދިވެހިރާއްޖެއިން ބާލަންޖެހޭ ކަމަށް ޢުމަރު ވިދާޅުވިއެވެ. ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތަކީ ޢުމަރު ފެއްޓެވި މަސައްކަތެއް ކަމަށާއި އެ މަސައްކަތުގައި އަބަދުވެސް ދެމިހުނަނަވާނެ ކަމަށާ އަދި އެ މަސައްކަތުގައި ދެމިތިބުމަށް ޢުމަރުވަނީ ރައްޔިތުންނަށް ގޮވާލައްވައިފައެވެ. ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބިތިބުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށާއި އެ ނުރައްކަލުން ދިވެހިރާއްޖެ ސަލާމަތް ކުރަންޖެހޭނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.   ޢުމަރު ވިދާޅުވީ އޭނާއާއިއެކު މަސައްކަތް ކުރި މީހަކު ކޮޅު ބަދަލުކޮށްގެން އެހެން ފަރާތަކަށް ދާދިއުން އެއީ އޭނާ ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެމީހަކު އަމިއްލައަށް ޒިންމާވާންޖެހޭ ކަމެއް ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. ޢުމަރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން މަސައްކަތް ކުރާ ބަޔަކަށް ޢުމަރުގެ ފަރާތުން އެހީތެރިކަން ދެއްވާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ކުރިން ބޭއްވި ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން ޢުމަރު ވިދާޅުވީ ގާތްގަނޑަކަށް 200 އިންޑިއާ ސިފައިން ރާއްޖޭގައި އެބަ ތިބިކަމަށެވެ. ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ގެ ނަމުގައި ފެއްޓެވި ޤައުމީ ޙަރަކާތަށް ބޮޑު ތަރުހީބެއް ލިބި އެ ޙަރަކާތް މުޅިރާއްޖޭގައި ފުޅާވެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިސަރުކާރުން އެކަން ވަނީ ހުއްޓުވާފައިކަން ފާހަގަ ކުރެވެއެވެ.